އަންގާރަ ދުވަހު ރާއްޖޭން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 223 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ.
ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި ކޮވިޑުން އަރައިގަނެވެން އޮތީ އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިން ޖެހުމުންނެވެ. ނަމަވެސް އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ވެކްސިން ޖެހުމަށް ރާއްޖޭގައި އޮތް ތަރުހީބު ވަނީ ކުޑަވެފަ އެވެ. ވަކިން ހާއްސަކޮށް ފުރަތަމަ ޑޯޒް ޖަހާ އަދަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 223 މީހެކެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 98 މީހަކާއި، އަތޮޅުތެރެއިން ޖެހި 125 މީހެކެވެ.
ވެކްސިންގެ ދެވަނަ ޑޯޒް އިއްޔަ ޖެހިފައިވަނީ ޖުމްލަ 653 މީހަކަށެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ގްރޭޓާ މާލެ ސަރަހައްދުން 199 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު، އަތަޅުތެރެއިން ޖަހާފައިވަނީ 454 މީހަކަށެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހިަފއިވަނީ 184,865 މީހަކަށެވެ.
އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.