ކުޅުދުއްފުށީގައި ހުންނަ އޮކްސިޖަން ޕްލާންޓް -- ފޮޓޯ: ޕީއެސްއެމް

މާލެ ސަރަހައްދުގައި ކޮވިޑަށް ބޭނުން ކުރަން އޮކްސިޖަން 6 ޕްލާންޓު ހުރިކަން ހެލްތު މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މި މައުލޫމާތު އާންމު ކޮށްފައި ވަނީ، ސިއްހީ ހިދުމަތްތެރިންގެ އަދަދާއި، ރާއްޖޭގައި ކޮވިޑަށް ފަރުވާ ދިނުމަށް ހުރި ސިއްހީ އާލާތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު، ހެލްތު މިނިސްޓަރ އަހްމަދު ނަސީމާ ސުވާލު ކުރެއްވުމުންނެވެ. ހެލްތު މިނިސްޓަރ ޖަވާބު ދެއްވާފައި ވަނީ، މި ސުވާލު ކުރިތާ އެއް މަސް ދުވަސް ފަހުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ރާއްޖޭގައި އޮކްސިޖަން އުފައްދާ 6 ޕްލާންޓެއް ހުރި ކަމަށެވެ. އެގޮތުން މޯލްޑިވް ގޭހުގައި 3 ޕްލާންޓު ހުރިއިރު، އޭގެ ކޮންމެ ޕްލާންޓަކުން 24 ގަޑިއިރު ތެރޭ 1،052،800 ލީޓަރުގެ އޮކްސިޖަން އުފައްދައެވެ. މޯލްޑިވް ގޭހުގައި ދުވާލަކު 240 ޖަމްބޯ ސިލިންޑަރު އޮކްސިޖަން ފިލް ކުރުމުގެ ކެޕޭސިޓީ ހުރި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދެން މާލޭގައި ކޮވިޑަށް ހާއްސަ އޮކްސިޖަން ޕްލާންޓެއް ހުރީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގެ ޕްލާންޓު 2 އިން 24 ގަޑިއިރު ތެރޭ 2،592،000 ލީޓަރުގެ އޮކްސިޖަން އުފައްދައެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށި ސިޓީ އަދި އެންމެ ދެކުނު އައްޑޫ ސިޓީގައި ވެސް އޮކްސިޖަން ޕްލާންޓުު ހުރި ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕްލާންޓުން 24 ގަޑިއިރު ތެރޭ 336،000 ލީޓަރުގެ އޮކްސިޖަން އުފައްދާއިރު، އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޕްލާންޓުން 24 ގަޑިއިރު ތެރޭ 1،296،000 ލީޓަރުގެ އޮކްސިޖަން އުފައްދައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދުވާލަކު 20 ޖަމްބޯ ސިލިންޑަރު އޮކްސިޖަން ފިލް ކުރުމުގެ ކެޕޭސިޓީ ހުރި އޭއީއެޗްގައި ދުވާލަކު 48 ޖަމްބޯ ސިލިންޑަރު އޮކްސިޖަން ފިލް ކުރުމުގެ ކެޕޭސިޓީ ހުރި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އޭއީއެޗްގައި ހުރި އޮކްސިޖަން ޕްލާންޓުން ވަނީ އެ ހޮސްޕިޓަލުގައި 100 އެނދަށް ޕައިޕްލައިން އަޅާފައެވެ. 

އޮކްސިހޖަން ސިލިންޑަރސް ހުރި އަދަދު: އެކު ޖުމްލަ އޮކްސިޖަން އެޅޭނެ 5700 ފުޅި ހުރިކަން

މީގެ އިތުރުން ހެލްތް މިނިސްޓްރީން ވަނީ ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގައި އޮކްސިޖަން ސިލިންޑަރ ހުރި އަދަދު ވެސް އާންމު ކޮށްފައެވެ. އެގޮތުން، އެ ފެސިލިޓީތަކުގައި ހުރީ 47 ލީޓަރުގެ އޮކްސިޖަން އެޅޭ ޖަމްބޯ ސިލިންޑަރު ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

  • ށ. ފުނަދޫ ހޮސްޕިޓަލް: 215 ސިލިންޑަރ
  • ފުވައްމުލަކު ހޮސްޕިޓަލް: 143 ސިލިންޑަރ
  • ބ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް: 228 ސިލިންޑަރ
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް: 231 ސިލިންޑަރ
  • ހއ. އިހަވަންދޫ ހޮސްޕިޓަލް: 26 ސިލިންޑަރ
  • ގއ. ވިލިގިލި ހޮސްޕިޓަލް: 248 ސިލިންޑަރ
  • ސ. ހިތަދޫ ހޮސްޕިޓަލް: 164 ސިލިންޑަރ

ހެލްތު މިނިސްޓްރީން ބުނީ، މިވަގުތު އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާވަރަށް އޮކްސިޖަން ސްޓޮކްގައި އެބަހުރި ކަމަށެވެ. އަދި އޮކްސިޖަން ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް ހެލްތް މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ކޮންމެ ދުވަހަކު ގަވައިދުން އޮކްސިޖަން ސްޓޭޓަސް ބަލާ ޗެކް ކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.