ދިވެހިރާއްޖޭގެ ހައި ކޯޓު އަދި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުންގެ މަގަމާށް މިއަދު ޖުޑީޝިއަލް ސަރވިސް ކޮމިޝަނުން ބޭފުޅުން އައްޔަނުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހޯދުމަށް ޖޭއެސްސީއިން ކުރި އިޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާ “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” އިން އިންޓަރވިއުކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި ގޮތުގެ މަތިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކ. މާލެ ގ. ޑޭޒީފެހި، އަލްއުސްތާޛު ހާތިފް ޙިލްމީ އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް އއ.ފެރިދޫ، ސިޔާމާމަންޒިލް، އަލްއުސްތާޛު އަޙްމަދު ޝަކީލު ޢައްޔަންކުރުމަށް ފެންނަކަމަށް އެ ކޮމިޝަނުން ނިންމުމާ ގުޅިގެން މިއަދު އެދެބޭފުޅުން ނަށް އިސްފަނޑިޔާރުކަމުގެ އަދި އިސް ޤާޟީކަމުގެ ފަތްކޮޅު ވަނީ އަރުވާފައެވެ.
މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވީ ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.
މިބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަނުކުރި އަލްއުސްތާޛު ހާތިފް ޙިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ލޯ ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 11 މަސް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލްކުރައްވާފައެވެ. މީގެ އިތުރުން އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިބޭފުޅާ ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލްކޯޓާއި، ސިވިލްކޯޓު އަދި ފެމިލީކޯޓާއި ކްރިމިނަލްކޯޓު ހިމެނެއެވެ.