މިދިޔަ އަހަރުތަކުގެ ތެރޭގައި އަންހެން ސިފައިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އުންމީދަކީ އެ އަދަދު އަދިވެސް އިތުރު ކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ 2016، 2017 އަދި 2018 ވަނަ އަހަރު ބޭސިކް ޓްރެއިނިން ކޯސްތަކުގައި އަންހެން ސިފައިން ބައިވެރިވާ އަދަދު ހުރީ ފަސް ޕަސަންޓުގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު އަންހެން ސިފައިން ބައިވެރިވީ އަދަދު 11 ޕަސަންޓަށް އެރި ކަމަށާއި އަދި މި އަހަރު އަންހެން ސިފައިން ބައިވެރިވީ އަދަދު ހުރީ 18 ޕަސަންޓުގައި ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެހެންކަމުން އުންމީދު ކުރައްވަނީ ކުރިޔަށް އޮތްތަނުގައި ވެސް އަންހެން ސިފައިންގެ އަދަދު އިތުރު ކުރުން ކަމަށާއި ސިފައިންގެ މުއައްސަސާ ކުރި އަރާނީ ދެ ޖިންސު ހިއްސާ އޮވެގެން ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ދިފާއީ މުއައްސަސާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމުގެ މަސައްކަތް ހުއްޓުމެއް ކުރިޔަށް ގެންދާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އުންމީދަކީ ކުރިޔަށް އޮތްތަނުގައި އަންހެން ސިފައިންގެ އަދަދު އިތުރު ކުރުން. މުޖުތަމައުއެއްގެ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށްދާނީ މިންތީގެ ހަމަހަމަކަން އޮވެގެންކަން ގަބޫލު ކުރައްވާ ރައިސުލްޖުމްހޫރިއްޔާ ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު މިންތީގެ ހަމަހަމަކަން ގާއިމް ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު އަޅުގަނޑު ފާހަގަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މިދިޔަ އެކަމަނާ ޑިފެންސް މިނިސްޓަރު ކަމާއި ހަވާލުވި ފަހުން ސިފައިންނަށް ހޯދައިދެވުން އެންމެ ބޮޑު ކުރިއެރުމަކީ ސިޔާސީ ނުފޫޒުން ސިފައިން ދުރުކުރުން ކަމަށެވެ. އަދި ސިފައިންގެ މަޝްވަރާ އާއި އަމިއްލަ ހިޔާލަށް ފުރުސަތު ހުޅުވާލައި، އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މާހައުލަކަށް ޖާގަދިނުމާއި ސިފައިންގެ ތެރޭގައި ވެސް އަދުލު އިންސާފު ގާއިމް ކުރުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.