ރައްޔިތުން ގާއިމްކޮށްފައިވާ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމަކީ ކޮންމެ ސިފައިންގެ މީހެއްގައި ހުންނަން ޖެހޭ ސިފައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި އަހުލާގީ އަދި ގައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުންނަން ޖެހޭ ކަމަށެވެ. އެންމެ ފުރަތަމަ ސިފައަކީ އިސްލާމީ އަގީދާގައި އަމަލާއި ބަހުން ސާބިތުވެ ތިބުން ކަމަށާއި ދެވަނަ ކަމަކީ ކޮންމެ ހާލަތެއްގައި ވެސް ގައުމީ ހިދުމަތުގައި ތިމާގެ އަމިއްލަ ނަފްސަށް ވުރެ ދިވެހި ގައުމު އިސްކުރުން ކަމަށެވެ. އަދި ތިން ވަނަ ސިފައަކީ އެ އިރެއްގައި ރައްޔިތުން ގާއިމްކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނީ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަސްކަރިއްޔާ މަސައްކަތް ކުރަން ޖެހޭނީ އެއް އަޒުމެއްގައި އެއް އަމާޒަކަށް. ފުރިހަމަ ގާބިލް އަސްކަރިއްޔާއަކީ ވަކިވަކި ސިފައިންތަކެއް ނޫން އެއީ ބަދަހި ސަފުތަކެއް. އެއީ އެކަކު އަނެއްކަކަށް އިހުތިރާމް ކުރުމާއި ލޯބިވާ ގުޅުން ވަރުގަދަ އެއް އާއިލާ އެހެންކަމުން ސިފައިންނަކީ އެމީހުންގެ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް މުޅި އަސްކަރިއްޔާގެ މަސްލަހަތައް އަބަދުވެސް އިސްކަން ދޭން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިންގެ ތަމްރީންތަކުގައި ހަތިޔާރު ބޭނުން ކުރާނެ ގޮތް ދަސްކުރާއިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަ ކުރުމޭ ހިތައް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އަސްކަރިއްޔާއެއް އޮތުމުގެ ހަގީގީ ބޭނުމަކީ ހަނގުރާމަތަކާއި ލޭ އޮހޮރުވުންތަކުން ދުރުވެ، ސުލްހަ ގާއިމް ކުރުމާއި އަމާންކަން ދެމެހެއްޓުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައް ކަމަށާއި ބައިނަލްއަގުވާމީ ސުލްހައަށް ވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއީ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ސިފައިން ހާސިލް ކުރި އިލްމާއި ހޯދި ތަމްރީނަކީ ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުވެ، ސުލްހަވެރި މުޖުތަމައެއް ބިނާ ކުރުމަށް މަގުފަހި ކުރާނެ އިލްމާއި ތަމްރީންތަކެއް ކަން ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ކޮށްދޭ ތެދުވެރި ހިދުމަތަކީ ރަން ރިއްސާއި ޖަވާހިރު ނުވަތަ ފައިސާ އާއި މުދަލުން އަގު ކުރެވޭނެ އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *