Finance Minister Ibrahim Ameer
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަހަރު ނިންމާލާއިރު ރާއްޖޭގެ އިގްތިސޯދު 18 އިންސައްތަ ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ސަރުކާރުން އާ ސްޓިމިއުލަސް ޕެކޭޖުތަކެއް އިއުލާން ކުރުމަށްފަހު ރައީސް އޮފީސް މެދުވެރިކޮށް މީޑިއާތަކަށް ފޮނުވި ވިޑިއޯ ކްލިޕެއްގަ އެވެ. މިނިސްޓަރ އަމީރު ވަނީ ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކާއި، އިގްތިސޯދަށް އައި ލޮޅުމުން އަރައިގަތުމަށް ކުރާ ކަންތައްތައް ފާހަގަކުރައްވާފަ އެވެ.

އަމީރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު އިގްތިސޯދު ވަނީ 34 އިންސައްތަ ދަށަށް ގޮސްފައި ކަމަށެވެ. އެއާއެކު ސަރުކާރުން އަންދާޒަ ކުރި އާމްދަނީ ވަނީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއިން ދަށަށް ދިޔަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ 2021 ވަނަ އަހަރު ވެސް އާމްދަނީއަށް ބޮޑުތަނުން ލޮޅުން އައިސްފައިވާ ކަމަށެވެ. އެހެންކަމުން ސިއްހީ، އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއަށް ވެސް ރިލީފް ޕެކޭޖުތަކެއް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ރިލީފް ޕެކޭޖުގެ ބޭނުމަކީ ކޮވިޑާ ގުޅިގެން އާންމު ފަރުދުންގެ ދިރިއުޅުމަށް އަންނަ ލޮޅުންތަކަށް ސަރުކާރުން އެހީތެރިވެދިނުން ކަމަށެވެ.

އެގޮތުން 2020 އިން ފެށިގެން މިއަހަރު މިހާތަނަށް އާންމު ފަރުދުންނަށް އަދި ވިޔަފާރިތަކަށް ބީއެމްއެލްއާއި އެސްޑީއެފްސީ މެދުވެރިކޮށް ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯނުތަކެއް ދީފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރަށް ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާއަށް ކުރަންޖެހޭ ހަރަދުތަކަށް އިތުރު 1.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މިއައި ލޮޅުމަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 6 އިންސައްތަ މިވަނީ ހަރަދު ކޮށްފައި.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2019ގަ އޮތް އިގްތިސޯދަށް ވީހާ އަވަހަކަށް ވާސިލުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ހަރަދެއް މިހާރު ކުރަމުން ގެންދިއުން ކަމަށެވެ. އެގޮތުން ހުރިހާ ރިލީފް ލޯނުތަކުގެ ބޭނުމަކީ ވީހާވެސް އަވަހަކަށް އިގްތިސޯދީ ކާރިސާއިން އަރައިގަނެ، 2019ގަ އޮތް އިގްތިސޯދަށް ދާން މަގުފަހި ކުރުން ކަމަށެވެ. އަދި މިހާރު މި ހުރި ސިޔާސަތުތަކާއެކު، މިއަހަރު ނިމޭއިރު، ކޮވިޑް އައިއިރު އޮތް އިގްތިސޯދަށް ވާސިލުވެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އީއައިބީ މެދުވެރިކޮށް ބީއެމްއެލްގައި ކުރިން ވެސް 20 މިލިއަން ޔޫރޯގެ ޕެކޭޖުތަކެއް އިއުލާން ކުރިކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ މިހާރުވެސް 375 މިލިއަން ރުފިޔާގެ ރިލީފް ލޯނުތަކެއް ބީއެމްއެލް މެދުވެރިކޮށް އިއުލާން ކޮށްފައިވާ ކަމަށެވެ. އަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ފަދަ އިންޓްރެސްޓް ރޭޓް ކުޑަ، ގްރޭސް ޕީރިއަޑް އެއް އަހަރަށް ދެމޭ ވަރަށް ލުއި ލޯނެއް ކަމަށެވެ. މިއީ 4 އަހަރުން ދައްކާ ގޮތަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 6 އިންސައްތަ އިންޓްރެސްޓުގައި ދޫކުރާ ލޯނުތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *