ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
މީގެކުރިން ވެސް މި މައްސަލާގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ނުގެންދެވިގެން ނިންމާލިއެވެ. އެއީ ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގެ މަންޒަރާއި އަޑު ސާފުނުވުމުގެ ސަބަބުންނެވެ. އޭގެ ފަހުން އަޑުއެހުމެއް ތާވަލުކުރުމަށްފަހު މޫސުން ގޯސްވެ ރައީސް ޔާމީން ދަތުރުފުޅު ކުރެއްވުމަށް އަޒުރުވެރިވެވަޑައިގަތުމުން އަޑުއެހުން ކެންސަލްކުރިއެވެ.
މިއަދު ހެނދުނަށް ތާވަލުކުރި އަޑުއެހުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ރައީސް ޔާމީން ކޯޓަށް ހާޒިރުކުރިއެވެ. ވަކީލުން ތިއްބެވީ އޮންލައިންކޮށް ޝަރީއަތުގެ މާލަމާ ގުޅާލާފައެވެ. އެކަމާ ގުޅިގެން ރައީސް ޔާމީން ނުރުހުން ފާޅު ކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ވަކީލުން އަރިހުގައި ތިބުމަށް ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަން ބޭނުން ވަނީ ވަކީލުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
އޭގެއިތުރުން މައްސަލައަށް އެކަށީގެންވާ ގޮތުގައި ތައްޔާރުވުމަށް ފުރުސަތު ނުލިބޭކަން ވެސް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އޯޑިއޯތައް އަޑުއެހުމުގެ ފުރުސަތެއް އަދި ނުލިބެއެވެ. ކޯޓުގެ އެންގުމުގެ މަތިން ރައީސް ޔާމީންއާ ވަކީލުންނާ ބައްދަލުވި ކަމަށާއި ނަމަވެސް ކަރެކްޝަނަލް ސާވިސްއިން ފޯރުކޮށްދިން ލެޕްޓޮޕް ހުރީ ބަގް ކޮށްފައި ކަމަށް ބެލެވޭތީ އޭގެ ޒަރިއްޔާއިން އޯޑިއޯތައް އަޑުއަހައި އެއާ ގުޅޭ ގޮތުން މަޝްވަރާ ނުކުރެވުނު ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލުންނަށް ޝަރީއަތުގެ މަޖިލީހުގައި ލެޕްޓޮޕް ބޭނުން ކުރެވޭނެ ކަމާއި ވަކީލުން ބޭނުންނަމަ ރައީސް ޔާމީންއާއެކު ކޯޓަށް ހާޒިރު ވެވޭނެކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަން ވަކީލުންނަށް ކުރިޔާލާ އަންގާފައިވާނެކަން ވެސް ފާހަގަ ކުރެއްވިއެވެ. އޭގެއިތުރުން ކުރިމިނަލް ކޯޓުގެ ތެރޭގައި ވަކީލުންގެ ލެޕްޓޮޕް ބޭނުން ކޮށްގެން ރައީސް ޔާމީންއާ ބައްދަލުކޮށް ހެކިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދިޔައީ އެ ފުރުސަތުތައް ދިނުމަށްފަހު މައްސަލައާއެކު ކުރިއަށް ވަޑައިގަންނަވަން ގާޒީ ބޭނުންފުޅުވާތީއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.
ރައީސް ޔާމީން މިހާރު ވެސް ހުންނެވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ޖަލު ހުކުމް އައީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވުމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައިކޯޓުގައި ދަނީ ކުރިއަށެވެ.