ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކް ޖާގަ ހޯދިއިރު އެޓީމާއި އެއް ގްރޫޕެއްގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑް އެއްވަރުވެ ކޮލިފައިވުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ރޭ ސަލްޒަބާގްއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ބަޔާނަށް ޖަހައިދިނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރޮބާޓް ލެވަންޑޯސްކީއެވެ. އެ ޓީމުގެ ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ޖަހައިދިންއިރު 68 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ލީރޯއި ސާނޭއެވެ. މި މެޗުގައި ސަލްޒަބާގުން ޖެހި ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މަގިމް ބެރީޝާއެވެ.
އެތުލެޓިކޯ އަދި ލޮކޮމޯޓިވް މޮސްކޯ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ލޮކޮމޯޓިވްގެ ކީޕަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
މި ގްރޫޕްގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެއްވަނައިގައި އޮވެ ބަޔާނުން ދެވަނަ ބުރަށް ދަތުރުކުރިއިރު ދެވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑްއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އޮތްއިރު މި ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒަބާގްއެވެ.