ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ތެރެއިން

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީިއިން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއެރީއަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ ކަންކަން ނިމުމަކާއި ގާތްވެއްޖެ ކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

241 ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މި އިންކުއެރީއަށް މައުލޫމާތު ހޯދުމަށް ކަމާބެހޭ މުވައްސަސާތަކާއި، ފަރުދުންނާއި ސުވާލު ކުުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި އިންކުއެރީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ މުވައްސަސާތަކުގެ މަސްއޫލުވާ ފަރާތްތައް ކަމަށް އަސްލަމް ވިދާޅުވި އެވެ.

މި އިންކުއެރީއަށް ޖުމްލަ 49 ފަރާތަކާއި ކޮމިޓީން ބައްދަލުކޮށްފައިވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޖުމްލަ 32 އޮފިސަރަކާއި، ސުވާލުކޮށް ޖަވާބު ހޯދާފައިވެއެވެ.

އޭގެތެރޭގައި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރެިގޭޑިއަރ ޖެނެރަލް އަބްދުއް ރަހީމް އަބްދުލް ލަތީފްގެ އިތުރުން ކުރީގެ އެސްޕީޖީގެ ކޮމާންޑަރ ކާނަލް ނަސްރުﷲ އިބްރާހިމް އާއި ދެ ފަހަރެއްގެ މަތިން ކޮމިޓީން ބައްދަލުކޮށް ވަނީ މައުލޫމާތު އެއްކުރެވިފައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭގެއިތުރަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާއި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ސަމީރު ހިމެނެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދުގެ އިތުރުން ފައިނޭޝަނލް އިންޓެލިޖެންސް ހެޑް އަހުމަދު ނާސިރާއިވެސް ވަނީ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި އިންކުއެރީއަށް ރައީސް ނަޝީދަށް ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމާއި ކޮމިޓީން  ބައްދަލުކުރަން ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން މިހަމަލާގެ ތަހުގީގު ހިނގާ ގޮތާއި ގުޅޭގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ޚާއްސަ މަންދޫބު އައްބާސް ފާއިޒު އާ ވެސް މިއަދު ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި އިންކުއެރީގެ މަސައްކަތަށް މިހާތަނަށް ޖުމްލަ 79 ބައްދަލުވުމެއް ބާއްވާފައިވާއިރު، ޖުމްލަ 147 ގަޑިއިރު މިހާތަނަށް ކޮމިޓީގެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށެވެ. އިންކުއެރީގެ މަސައްކަތް ނިންމާލުމަށް ތާވަލް ކުރެވިފައިވަނީ މިއަދުގެ ނިޔަލަށް ނަމަވެސް ކޮމިޓީގެ މަސައްކަތް ނިންމާލުމަށްޓަކައި އަދި ހަފްތާއެއްގެ މުއްދަތު ނަގާނެ ކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެފަރާތްތަކާއި ބައްދަލުކޮށް ލިބުނު މައުލޫމާތު އެއްކޮށް އިއްޔެއިން ފެށިގެން ކުރަމުންދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުށް ފެންނަ ރިޕޯޓަކަށް ވާނެ ކަމުގެ ޔަގީން ކަން އަސްލަމް ވަނީ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.