ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަން ޖައްސަންޖެހޭ' ކަމަށް، ވިދާޅުވި މައްސަލައިގައި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނަސޭހަތްތެރިވެއްޖެއެވެ.
މި މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމީ އޭނާއަށް ނަސޭހަތްތެރިވުމުގެ އިތުރުން ހިސާންގެ ކިބައިން މާއާފަށް އެދެން އެންގުމަށެވެ. މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި، ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް ސިޔާމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ހިސާން އަކީ ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި، އޭނާ މަރާލިޔަސް ފާފަވެރި ނުވާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ތަނެއްގައި ސިޔާމް ވާހަކަ ދެއްކެވި މައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވީ ހިސާންއެވެ. މި މައްސަލަ ބަލައި ދިނުމަށް އެދި، ޑިފެންސް މިނިސްޓްރީއަށާއި، ފުލުހުންނަށް ވެސް ހުށައެޅުއްވިއެވެ.
ސިޔާމް މިހެން ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްކަށް ފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުންނެވެ. ހިސާން ދަންޖެއްސަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވާ އޯޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.
ސިޔާމު ވަނީ ހިސާންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.