ފާއިތުވެދިޔަ މޭ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުމަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހެދި އެސިސްމަންޓްގައި ދައްކާގޮތުން، މެއި މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ގޭބިސީ ފެންވަރުގައި ބޯހިޔާވަހިކަމަށާއި، ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުންވި 8 ރަށެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ހއ. އުލިގަމު، ހއ. ދިއްދޫ، ނ. މަގޫދޫ، ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫގެ އިތުރުން ރ. ދުވާފަރެވެ.
އެންޑީއެމްއޭއިން ހާމަކޮށްފައިވާގޮތުން ރަށުފެންވަފރުގައި ދަނޑުބިންތަކަށާއި އާންމު ހިދުމަތްދޭ އިމާރާތް އަދި އޮޑި ހަރުގެ ފަދަ ތަންތަނަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވާ ރަށްތަކުގެ އަދަދަކީ 13 އެވެ. އަދި ގޭބީސީ ފެންވަރުގައި ގެއްލުންތައް ކުރިމަތިވި ރަށްތަކުގެ ޖުމްލަ އަދަދަކީ 562 އެވެ. ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވާކަން އެސިސްމަންޓުން ދައްކާ ގެތަކުގެ އަދަދަކީ 384 އެވެ.
އެ އޮތޯރިޓީން ހެދި އެސެސްމަންޓުން އެރަށްތަކަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 3،970،075 އަރާ ކަމަށާއި، ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން 794،015 ރުފިޔާ ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ގޭގެ އިމާރާތަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 642،848 އަށް އަރާކަމަށާއި، ލިބުނު ގެއްލުމުން އަރައިގަތުމަށް 642،849 ރުފިޔާ ގެ އެހީފޯރުކޮށްދިނުމަށް ސަރުކާކާރުން ވަނީ ނިންމާފައެވެ.