އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ އާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން އެ ކަމަނާ ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާ މަޤާމުގެ ފުރަތަމަ އަހަރު ފުރިހަމަކުރައްވާފައިވާތީ އެކަމަށްޓަކައި ނައިބު ރައީސްވަނީ ޝުކުރު އަދާކުރައްވާ، މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅެން ކުރި މަސައްކަތް އަވަސްކޮށް ކާމިޔާބު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީ އެކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އިނގިރޭސިވިލާތުގެ ސަފީރު ތައުރީފްކުރެއްވިއެވެ. އަދި ތަޢުލީމާއި އިޤްތިޞާދާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް ރައްކާތެރިކަން ބަޔާންކުރާ ކޮރިޑޯ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެކަމަށްޓަކައި ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި، ބޯޑަރުތައް ހުޅުވާލިފަހުން ގިނަ އަދަދެއްގެ ފަތުރުވެރިން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް އަންނާތީ އެކަމަށްޓަކައި އުފާކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. 

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ ލުއިކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާތީ އެކަމަށް ހެޔޮ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.