ކުޑަކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭ މޫދުގައި މަރާލައި، ފޮއްޓަކަށްލާފަ އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގެ ތަހުޤީޤް އަވަހަށް ނިންމުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށް 44 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންގޮތަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ފިރުޝާން ހުށަހެޅި ކުއްލި މައްސަލާގައިވަނީ އެ ކުއްޖާއަކީ މަަންމަގެ އެހީތެރިކަމާއެކު ދައުލަތުން އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއްކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރާކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ރައްކާތެރިކަމުގައި ހުރި ކުއްޖަކު އެގޮތަށް މަރާލެވުމަކީ ނުހަނު ކަންބޮޑުވާކަމެއްގެ ގޮތުގައި މެމްބަރު ވިދާޅުވި އެވެ.

ކަންބޮޑުވުން ފާޅުކުރައްވާ ފިރުޝާން ވަނީ  މި މައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިހުމާލެއްވޭތޯ ބެލުމަށް ގޮވާލައްވާފައެވެ. އަދި އެ ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅޭ އިދާރާތަކަށް ވެސް ގޮވާލެއްވިއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށައެޅި އާދީއްތަ ދުވަހުއެވެ. ފުލުހުން ބުނީ އެ ކުއްޖާއާ ބެހޭ މައުލޫމާތު ފުލުހުންނާއި ހިއްސާކުރީ އާންމު ފަރާތަކުން އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓާއި އެކު އިތުރަށް ބެލި ބެލުމުން، އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށެވެ. އެއީ ރޭ މެންދަމު 2:27 ހާއިރެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.