ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގަ ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން ވެސް ހޯދައިފިއެވެ. 

ރަށުން ބޭރުގައި ޔޫކްރެއިންގެ ޑީނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއިން ޖެހި ހަތަރު ލަނޑު ވެސް އެޓީމުން ޖެހީ ދެވަނަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ލަނޑު އެމެރިކާގެ ޑިފެންޑަރު ސާޖީނިއޯ ޑެސްޓް ޖަހައިދިންއިރު ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ މާޓިން ބްރައިތުވެއިޓުއެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. 

ޔުވެންޓަސްއިން ވަނީ އަމިއްލަ ދަނޑުގައި ފެރެންވަރޯސް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފެރެންވަރޯސްއިންނެވެ. މި ލަނޑު 19 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އުޒޫނީއެވެ. 35 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް އެއްވަރުކޮށްދިންއިރު އެ ޓީމު މެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. 

މި ދެ ޓީމު އޮތް ގްރޫޕްގެ އެއްވަނައިގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި އޮތީ އެއް ޕޮއިންޓާއެކު ޑީނަމޯ ކިއޭވްއެވެ. އަދި ހަތަރުވަނަ ލަނޑުގެ ތަފާތުން ލިބެނީ 25 އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ ހަންގޭރީގެ ފެރެންވަރޯސްއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.