ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދޭނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އަޅާލާނެ ބަޔަކު ނެތި މަގުމަތީގައި ގިނަ ބަޔަކު ނިދާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން، އޭޕްރީލް އިން ފެށިގެން އެ މިނިސްޓްރީއިން މަގުމަތިވެފައިވާ 500 މީހުންނަށް އެހީ ފޯރުކޮށްދީފައިވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން، މަގުމަތިވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން ކާބޯތަކެތިވެސް ފޯރުކޮށްދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލޯކަލް ކައުންސިލްތަކާއި ގުޅިގެން އާއިލާތަކާއި ގުޅުވުއިދީފައިވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔެއްގެ ވަޒީފާތައް ގެއްލި އާއިލާތައް ބިކަވެފައިވެއެވެ. އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން ވަގުތީ ބޯހިޔާވަހިކަންވެސް ފޯރުކޮށްދީފައިވެއެވެ. މިނިސްޓަރ ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހުއްޓުނީ އޮގަސްޓް މަހުގެ ތެރޭގައިކަމަށެވެ. އެހެންނަމަވެސް، އަނެއްކާވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން އަންނަނީ ކުރަމުންނެވެ. މިނިސްޓަރ ވިދާޅުވީ މާރުކޭޓާއި މަގުމަތީގައި ނިދާ މީހުންނަށް ހައްލެއް ހޯދައިދޭނެކަމަށެވެ.

މީގެ އިތުރުންވެސް، އެންސްޕާ މެދުވެރިކޮށް، ވަޒީފާ ގެއްލިފައިވާ އާއިލާތަކަށް މާލެ ނޫން އެހެން ހިސާބުތަކުގައި ވަޒަންވެރިވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދުވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ. މީގެ ސަބަބުން މަގުމަތީގައާއި މިސްކިތް ތަކުގައި ނިދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހޯމް މިނިސްޓަރު ވަނީ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.