އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބެއްގައެވެ.

މި ހިތާބުގައި ނައިބު ރައީސް ވިދާޅުވީ، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ހަމަހަމަ މުޖްތަމައެއް ބިނާ ކުރުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭކަމަށެވެ. އެހެންކަމުން މިފަދަ މުޖުތަމައެއް ބިނާކުރުމަށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ މުހިންމުކަމެއް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ މި ސަރުކާރުގެވެސް އަމާޒެއްކަމަށް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ދިވެހިރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކު އަނިޔާ ތަހަންމަލްކުރެއެވެ. މީގެ ތެރެއިން ގިނަ އަންހެންނުންނަށް އިންސާފު ނުލިބޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިކަމަށް ހައްލެއް ހޯދައި ދިނުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ، ނައިބު ރައީސް ވިދާޅުވީ އަދިވެސް މުސްތަގްބަލުގައި ކުރަން ހުރި މަސައްކަތްތައް ގިނަކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އިއުލާންކުރި ލޮކްޑައުންއާއެކު އަންހެނުންނަށް ދެވޭ އަނިިޔާތައް އިތުރުވެފައިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަންނައިރު އެ ކަންތައްތަކަށް ހައްލެއް ލިބެންވާނެކަމަށެވެ. 

މި ސަރުކާރުން މިހާރުވެސް ވެފައިވާ ވައުދުތަކާއި އެއް ގޮތަށް އަނިޔާ ލިބިފައިވާ އަންހެނުންނަށް ހާއްސަ ޝެލްޓަރ ތަކެއް ހަމަޖައްސާފައިވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމްވެސް ހަރުދަނާ ކުރާނެކަމަށާއި، އަންހެނުންނަށް ކުރާ އަނިޔާއާމެދު މީހުން ދެކޭގޮތް ބަދަލުކުރާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުންވެސް، އަނިޔާ ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ ގޮތްތައްވެސް އިތުރަށް ހަރުދަނާކުރާނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ.

ބައިނަލްއަގްވާމީ އަންހެނުންނަށް ދެވޭ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.