މަސްތުވާތަކެތި އަތުލައިގަނެ، އޭގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. އަތޮޅުގެ ދެ ރަށެށްގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އއ.މަތިވެރި އަދި އއ.އުކުޅަހުގައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ދެ އޮޕަރޭޝަންއަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގާފައިވާ އޮޕަރޭޝަންތަކެކެވެ. އުކުޅަހުގައި ހިންގި އޮޮޕަރޭޝަންއަކީ އއ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން އުކުޅަހަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަގެ މައުލޫމާތު ލިބިގެން އުކުޅަހު ޕޮލިސް ޑެސްކުން ހިންގި އޮޕަރޭޝަންއެކެވެ. އެގޮތުން، ލޯންޗުން އުކުޅަހަށް ބާލާފައިވާ ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އއ.މަތިވެރީގައި ވެސް ފުލުހުންގެ އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މަތިވެރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަގެ މައުލޫމާތު ލިބިގެންނެވެ. ފުލުހުންގެ އިންޓެލިޖެންސާއި މަތިވެރީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ދެ މައްސަލައާ ގުޅިގެންވެސް އަދި ބަޔަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.