މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރު ކުރި އުމުރުން 17 އަހަރުގެ ކުއްޖާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުން ވަނީ މައްސަލައިގެ ތަހުޤީޤްގެ ބައެއް މައުލޫމާތުތަކާއި، އަދިވެސް މައްސަލާއިގެ އެހެން މައުލޫމާތުތައް ހާމަކޮށްފަ އެވެ. އެގޮތުން ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 21 ޖޫން ވަނަ ދުވަހުގެ ހަވީރު ކަމަށެވެ.
ފުލުހުން ބުނީ އާންމު ފަރާތަކުން ހުޅުމާލޭ ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރީ ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތާއެކު ފުލުހުން އިތުރަށް ބެލި ބެލުމުން، 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ މެންދަމު 2:27ގައެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެއްކުރަން ޖެހޭ ހެކި ގަރީނާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ، އެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާކޮށް ދިނުމަށް އެދިފައެވެ.
މައުލޫމާތު ހިއްސާ ކުރުމަށް ގުޅަން ޖެހޭ ފޯނު ނަންބަރުތަކަކީ، 9911099 ނުވަތަ 3000600 ނުވަތަ 1412 އެވެ.