މިނިސްޓަރ އޮފް ހެލްތު، އަހްމަދު ނަސީމްއާ ސުވާލު ކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެދިވަޑައިގެންނެވިތާ މަސް ދުވަސްފަހުން، އެޖެންޑާ ކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމްއާ ސުވާލު ކުރުމަށް މެންބަރު ހައިތަމް އެދިވަޑައިގެން، "ވަޒީރުންނާއި ސުވާލު ކުރުމުގެ ނޯޓިސް" މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ މޭ މަހު 23 ވަނަ ދުވަހެވެ. އެ ސުވާލު އެޖެންޑާ ކޮށްފައި ވަނީ މާދަމާ (23 ޖޫން 2021) ގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މެންބަރު ހައިތަމް ހުށަހަޅުއްވާފައިވާ ސުވާލުގައި ވަނީ އޭރު ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ އަދަދާއި، މޭ މަހުގެ އެހާ ހިސާބަށް ކޮވިޑުގައި ނިޔާވި މީހުންގެ އިތުރުން އޭރު އެނދުމަތި ކޮށްފައިވާ ބަލި މީހުންގެ އަދަދު ހިމަނާފައެވެ. މެންބަރު ސުވާލު ކުރެއްވީ ހަލުވިކޮށް ކޮވިޑް-19 ފެތުރެމުން ދާއިރު، ބައްޔަށް ފަރުވާ ދޭން ތިބީ ކިހާ އަދަދެއްހެ ހެލްތް ޕްރޮފެޝަނަލުންތޯއާއި، ކޮވިޑް ބަލި މީހުންނަށް ހުރި އެނދުތަކުގެ ތަފްސީލެވެ. ހަމައެއާއެކު ކޮވިޑާ ގުޅުން ހުރި އާލާތްތައް ކަމަށްވާ އޮކްސިޖަން، ވެންޓިލޭޓަރ އަދި މިކަމާ ގުޅުން ހުރި ބޭހުގެ ބާވަތްތަކުގެ ތަފްސީލު ހޯދަން ވެސް މެންބަރު ހުށަހަޅުއްވާފައެވެ.

ސުވާލު ހުށަހެޅުއްވިތާ މަސް ދުވަސްފަހުން ސުވާލު ކުރުން އެޖެންޑާ ކޮށްފައިވާއިރު، މަސް ދުވަސްތެރޭގައި ކޮވިޑްގެ ހާލަތު ބޮޑުތަނުން ރަނގަޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިހާރު އެ ބައްޔަށް ފަރުވާ ކުރަމުން ދަނީ 4784 މީހެކެވެ. އޭގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 44 މީހަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.