ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސައުދީ އަރަބިއްޔާގެ އަރަމްކޯގެ ޑިސްޓްރިބިއުޝަން ސްޓޭޝަނަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ދިން ހަމަލާ ކުށްވެރިކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނުގައި ވަނީ އެއީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހަމައެހެންމެ މީހުން ދިރިއުޅޭ އަދި އިގްތިޞާދީ ހަރަކާތްތައް ހިންގާ މިފަދަ ސަރަހައްދަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގަވާއިދުތަކާއި ގާނޫނުތަކާއި ޚިލާފު ކަމެއް ކަމަށާއި މިއީ ސައުދީ އަރަބިއްޔާގެ ގައުމީ ސަލަމާތަށް ނުރައްކާވާފަދަ ކަމެއް ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.
މިފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ބުނެފައެވެ. އަބަދުވެސް ރާއްޖެ އޮންނާނީ ސައުދީ އަރަބިއްޔާއާ އެއްކޮށް ކަމަށާއި އަދި ހުރިހާ ވައްތަރެއްގެ ޓެރަރިޒަމްއާ ދެކޮޅަށް ވެސް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ވަނީ މި ބަޔާނުގައި ބުނެފައެވެ.
މި މިސައިލް ހަމަލާ ދީފައިވަނީ ޖިއްދާގައި ހުންނަ އަރަމްކޯގެ ޑިސްޓްރިބިއުޝަން ސްޓޭޝަނަކަށެވެ. މި ހަމާލާގެ ޒިންމާ ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ވަނީ ނަގާފައެވެ.