ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް، އަދި ރޫލަރ އޮފް ދުބާއި، ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަށް އަރުވައިފިއެވެ. 

މިއަދު އަބޫދާބީގައި ހުންނަ ޤަސްރު އަލް ވަޠަން ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން 7 ޤައުމަކުން ސަފީރުން ފަތްކޮޅު އެރުވިއެވެ. އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ދެއްކެވި ވާހަކަފުޅުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރްހަބާ ވިދާޅުވެ، އެ ބޭބޭފުޅުންގެ ޤައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން އަބަދުވެސް އެއްބާރުލުން ދެއްވާކަމުގެ ޔަޤީންކަން އަރުވައި، މިކަންކުރުމުގައި ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ. 

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު، އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި ޢަރަބި ޢިމާރާތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީ އަދި ހެޔޮ ދުޢާ އަރިސް ކުރެއްވިއެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.