މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ފޮއްޓަކަށްލާ އެއްލާލާފައި އޮތް ސަރަހައްދު -- ފޮޓޯ: މުހައްމަދު ފަޒީން / ޖަޒީރާ

ރަހީނުކޮށް މަރާލާފައިވާ ކުޑަކުއްޖާގެ ފޮޓޯ އާއި ނަން އަދި ކުއްޖާއަކީ ކާކުކަން ދެނެގަނެވޭ ފަދަ ޒާތީ އެކި މަޢުލޫމާތު އާންމު ނުކުރުމަށާއި ޞައްޙަ ނޫން މަޢުލޫމާތު ފެތުރެމުން އައުމާއި ގުޅިގެން މީޑިޔާ ކައުންސިލުން އެކަންކަމަށް ސަމާލުވާން އަންގައިފިއެވެ.

މީޑިޔާ ކައުނސްިލުން މިހެން އަންގާފައިވަނީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)، (ށ)، (ރ) އަދި (ބ) އާއި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އަދި ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިން އާއި ޚިލާފަށް އެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާތީ، އެކަން މިކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.

އެގޮތުން، މިހާތަނަށް ޝާއިއު ކޮށްފައިވާ ހަބަރުތަކުގައި ކުއްޖާގެ ފޮޓޮއެއް ވާނަމަ އެ ފޮޓޯއެއްގެ އިތުރުން އެކުއްޖާގެ ނަމާއި ޒާތީ އެއްވެސް މައުލޫމާތެއް ހުރިނަމަ ނެގުމަށް މީޑިޔާ ކައުންސިލުން ވަނީ އަންގާފައެވެ. އަދި މި އެންގުންތަކަށް ތަބާނުވެ ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މީޑިޔާ ކައުންސިލުން ވަނީ އިންޒާރު ދީފައެވެ.

ހުޅުމާލެއިން ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުންނެވެ. މިހާރު ވަނީ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމްއެއް ހަދަން ނިންމާފައެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.