ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޤައުމީ ޔުނިވަރސިޓީއާއި، އައި.ޖީ.އެމް.އެޗް.ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތެރަޕީގެ ގިނަ ޚިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވާ، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވެސް އެ ފަދަ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފާހަގަކުރެއްވިއެވެ. ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ނައިބް ރައީސް ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ޚާއްޞަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ނައިބް ރައީސް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ޚިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.