މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާއާ ބެހޭ މައުލޫމާތު ފުލުހުންނާއި ހިއްސާކުރީ އާންމު ފަރާތަކުން އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި ފުލުހުން ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުން ވަނީ މައްސަލައިގެ ތަހުޤީޤްގެ ބައެއް މައުލޫމާތުތަކާއި، އަދިވެސް މައްސަލާއިގެ އެހެން މައުލޫމާތުތައް ހާމަކޮށްފަ އެވެ. އެގޮތުން ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 21 ޖޫން ވަނަ ދުވަހުގެ ހަވީރުއެވެ.
އާންމު ފަރާތަކުން ހުޅުމާލޭ ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރީ ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތާއެކު ފުލުހުން އިތުރަށް ބެލި ބެލުމުން، 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ މެންދަމު 2:27ގައެވެ.
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެއްކުރަން ޖެހޭ ހެކި ގަރީނާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ، އެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާކޮށް ދިނުމަށް އެދިފައެވެ.
މައުލޫމާތު ހިއްސާ ކުރުމަށް ގުޅަން ޖެހޭ ފޯނު ނަންބަރުތަކަކީ، 9911099 ނުވަތަ 3000600 ނުވަތަ 1412 އެވެ.