މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.
ހޯމް މިނިސްޓްރީން އިސްވެ މިމަސައްކަތް ފެށީ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ. މިމަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.
ހޯމް މިނިސްޓްރީއިން ބުނި ގޮތުގައި، މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރެއްވުމަށް ފެއްޓެވި މަސައްކަތެކެވެ. ހޯމް މިނިސްޓްރީން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ ގުޅުންހުރި ދާއިރާތަކާއެކު މިއަދު ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.