ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނީ ރަހީނުކުރުމަށްފަހު އަނިޔާކޮށް އެ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއް ކަމަށެވެ.
މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިއްމު ކަމަށް އެޕާޓީން ބުނެއެވެ.
ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖިރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.