ކުޑަކުދިންގެ ހިޔާގައި އުޅުނު ކުދިންތަކަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2017 ވަނަ އަހަރު، ހިޔާގެ ކުދިންތަކަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ކޮމިޝަންގެ ފަންނީ ލަފާ އާއި މަޝްވަރާއާއެކު ވީއެންމެ އަވަހަކަށް ތަހުގީގުކޮށް ދައުވާ އުފުލަން ޖެހޭ މީހުންގެ މައްސަލަތައް ފޮނުވުމަށް ޕީޖީއަށް ގާނޫނު އަސާސީއިން ލިބިދޭ ބާރުގެ ދަށުން ފުލުހުންގެ މައްޗަށް މިހާރު އަމުރެއް ނެރުއްވާފައިވާ ކަމަށް ކޮމިޝަންގެ ބަޔާނުގައިވެއެވެ. އެ އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.
އެގޮތުން މިހާރު ތަހުގީގު ކުރިއަށްދާއިރު މިހާތަނަށް 24 ފަރާތަކާ ސުވާލުކޮށް 24 ބަޔާން ނަގައި ފަސް ކުޑަކުދިންނާ ސުވާލުކޮށްފައިވެއެވެ. ތަހުގީގަށް ބަލައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމާއި އެ މަސައްކަތް ޕީޖީ އޮފީހުން ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.