ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އޮންލައިންކޮށް، ދިވެހިރާއްޖޭގެ އިހްތިސާސް ނުހިނގާތަނެއްގައި ހުންނަވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ނިިންމުމުން، އެ ޝަރީޢަތަކީ ހިންގޭނެ ޝަރީޢަތެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް މައްސަލައި ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމައފި އެވެ.

ޝަރީއަތް ކުރިއަށްދިޔަ ގޮތުގެ މައުލޫމާތު ހިއްސާކޮށް ނެރުނު ބަޔާނެއްގައި ޕީޖީ އޮފީހުން ބުނީ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދި  މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޒުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލުކުރިކަމަށް ޕީޖީން ބުންޏެވެ.

ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ
ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. އެކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިއުތިރާޒްކުރި ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ޖަވާބުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަން ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

ޝަރީޢަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ޙިއްޞާކުރަންޖެހެއެވެ. އެކަމުގައި ޝަރީޢަތުން ގޮތެއް ނިންމަވާފައިވާކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ހިއްސާކޮށްދިނުމަށް އެދުނުނަމަވެސް އެ ނިންމެވުން ކޯޓުން ހިއްސާނުކުރި ކަމަށް ޕީޖީން ބުންޏެވެ.

މި ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވިއެވެ.

ޕީޖީން ބުނިގޮތުގައި ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއް ނޫނެވެ.

ދައުލަތުން މައްސަލާގައި އެދުނު ގިނަ ލިޔުންތައް ގާޒީ ހިއްސާކޮށްދެއްވާފައިނުވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށްއެދި ހުށަހެޅިކަމަށްބުނާ މެޑިކަލް ޑޮކިއުމެންޓްތައް ޙިއްޞާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް ހިއްސާކޮށްފައިނުވާކަމަށެވެ.

ކޮވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ 12 ޙާލަތެއް އޮވެއެވެ. ޕީޖީ އޮފީހުން ބުނީ އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭކަމަށެވެ.

މިޝަރީޢަތަކީ މިގޮތަށް ހިންގޭނެ ޝަރީޢަތެއްކަމަށް ދައުލަތުން ނުދެކޭތީ، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރަމެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި އިސްތިއުނާފްކުރުމުގެ ކަންކަން މިނޭމީ ލިޔެކިޔުންތައް އެ އޮފީހަށް ގާޒީ ހަސަން ސައީދު ފޮނުއްވެވުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.