ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް - ފޮޓޯ: ޕީޖީ

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވާހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށްގެންދާގޮތް ރަނގަޅު ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާއަށް ދިން މުއްދަތު ފަހަނައަޅައިދިޔައިިރުވެސް ޤައުމަށް އެނބުރި ވަޑައިނުގަތް އަލީ ވަހީދު އެދިވަޑައިގެންނެވީ ބޭސްފަރުވާއަށް އިތުރު މުއްދަތު ދެއްވުމަށެވެ. އަދި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށެވެ. ބައެއް ސިއްހީ ލިޔެކިޔުންތައްވެސް ކޯޓަށް ހުށަހެޅުއްވުމުން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އޮންލައިންކޮށް، ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށެވެ.

އެގޮތުގެމަތިން ކުރީގެ މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަލީ ވަހީދު ބައިވެރިވެވަޑައިގެންފައިވަނީ އިނގެރޭސިވިލާތުގައި ހުންނަވައިގެން، އޮންލައިންކޮށް ދިވެހި އެންބަސީ މެދުވެރިކޮށެވެ.

މި މައްސަލާގައި ދައުލަތުގެ ވަކީލަށް ވަޑައިގެންފައިވަނީ ޕީޖީ ޝަމީމް އެވެ. މިއީ ޕީޖީކަމުގައި ހުންނަވާ ވަކާލާތުކުރައްވަން ވަޑައިގެންނެވި ފުރަތަމަ މައްސަލަ އެވެ.

ޝަރީއަތްް ފެށުމާއެކު، ޝަރީއަތް ކުރިއަށްގެންދާގޮތާއިމެދު ހިތްހަމަޖެހިވަޑައިނުގެން ޕީޖީ ވަނީ ގިނަ ކަންތައްތަކެއް ޝަރީއަތުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން މިއީ ޝަރީއަތެއްކަމަށް ގަބޫލުނުރައްވާކަމަށް ޕީޖީ ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ޝަރީއަތް އެގޮތަށް ކުރިއަށް ނުގެންދެވޭނެކަށް ވިދާޅުވެ ޕީޖީ ކޯޓުގައި ވަކާލާތު ކުރައްވާފައިވެއެވެ.

ކަންބޮޑުވުންތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށް، ޕީޖީ ކުރެއްވި ޓުވީޓެއްގައި ވަކި މައްސަލައެއްކަން ވިދާޅެއްނުވެ އެވެ. ނަމަވެސް އިޝާރަތްކުރައްވަނީ އަލީ ވަހީދުގެ ޝަރީއަތަކަން ފާހަގަވާގޮތަށް ކުރެއްވި އެ ޓުވީޓްގައި ވިދާޅުވީ "ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒރުކޮށް ޝަރީޢަތް ކޮށްފައިވާކަމަށެވެ.

ޕީޖީ ވިދާޅުވީ ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގުން ރަނގަޅު ނޫންކަމަށެވެ. އަދި އެއީ ޤާނޫނު އަސާސި ބުނާ ހަމައެއްވެސް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށް ޝަރީޢަތް ކުރުން ރަނގަޅެއް ނޫނެވެ

ޕީޖީގެ ހިތްހަމަނުޖެހުންތައް ހުރި ނަަމަވެސް މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވަނީ ޝަރީއަތް ކުރިއަށްގެންދިއުމަށެވެ. އެގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް އަލީ ވަހީދުއަށް ފަސް ދުވަސް ދިނުމަށްފަހު އަންނަ މަހުގެ 11 ވަނަ ދުވަހު ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

އެ ޝަރީއަތްވެސް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.

އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.