3 ރަށެށްގެ މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަ ތަހްގީގުކުރުމަށް ތަހްގީގު ކޮމިޓީއެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލައިފިއެވެ.
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ތަހްގީގްކުރަނީ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމްގެ މައްސަލައަކާއި، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލައަކާއި، ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލައެވެ.
މީގެ ތެރެއިން އަހްމަދު އަކްރަމްގެ ހުށަހަޅާފައިވަނީ، އަކްރަމް ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެކެވެ.
އަލީ އާދަމްގެ ހުށަހަޅާފައިވަނީ ހަތަރު މައްސަލައެކެވެ. އެއީ ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި، ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލައެކެވެ.
ޖޭއެސްސީއިން ހާމަކޮށްފައިވާ ގޮތުގައި އަލީ ޝަރީފްގެ ތަހްގީގުކުރަނީ ގާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާކަމަށް ބުނާ މައްސަލައެކެވެ.
ފަނޑިޔާރުން ގާނޫނާއި ހިލާފަށް ކުރާ ކަންތައްތައް ތަހުގީގުކޮށް ގިނަ ފަނޑިޔާރުންނަށް ޖޭއެސްސީއިން ދަނީ ފިޔަވަޅު އަޅަމުންނެވެ. ފަނޑިޔާރުންނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.