މިއަދު މުޅި ގައުމު ސިއްސުވާލީ އެންމެ 13 އަހަރުގެ ކުޑަކުއްޖެއްގެ މަރުގެ ޚަބަރާއި އެކުއެވެ. ހުޅުމާލެއިން ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރު 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެ މައްސަލަ ހުށައެޅީ އާދިއްތަ ދުވަހުއެވެ.

ފުލުހުން ބުނީ އެ ކުއްޖާއާ ބެހޭ މައުލޫމާތު ފުލުހުންނާއި ހިއްސާކުރީ އާންމު ފަރާތަކުން އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓާއި އެކު އިތުރަށް ބެލި ބެލުމުން، އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށެވެ. އެއީ ރޭ މެންދަމު 2:27 ހާއިރެވެ.

ރަހުމުކުޑަ މަރާ ގުޅޭގޮތުން މިވަގުތަށް އެނގެންހުރި މައޫލޫމާތާއެކު "ޖަޒީރާ" ގެ ނޫސްވެރިޔާ އުމްނާ އިސްމާއިލް، "ހައްޔަރު ކުރި ދެ މީހުން އިއްޔެ ހަތިމެއް ހޯދަން ވެސް ބުނި, ގޮތް ނޭނގޭތީ ނުދެން" މި ސުރުހީގައި ރިޕޯޓެއް ލިޔެފައިވެެއެވެ.