އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. 

މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ކޮރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ކުރިން އަޅުއްވާފައިވެއެވެ. މިކަމަށް ރައްދު ދެއްވަމުން، ސަރުކާރަށް ދެ އަހަރުވުމާ ގުޅިގެން ސަންގްޓީވީއިން ކުރިއަށް ގެންދިޔަ ހާއްސަ ކަވަރޭޖްގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވިއިރު އޭނާގެ އޮތީ ނަޒާހަތްތެރިކަން ކަމަށާއި ނަމަވެސް އެކަން މިހާރު ކިލަނބުކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކުރި ފުރަތަމަ ދުވަސްވަރު ވަރަށް ދެރަވެ، މާޔޫސްވި ކަމަށެވެ. ނަމަވެސް މިހާރު ތުހުމަތުތަކާއި އިލްޒާމްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށާއި އެކަންކަމާހުރެ މަސައްކަތަށް ބުރޫ އަރުވަން ބޭނުން ނުވާ ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ވައްކަމެއް ނުކުރާނަން، އަދި ތި ވިދާޅުވާ ބޭފުޅުންނަށް ހީވާ ގޮތަށް ބްރޯއަކަށް މެސެޖްކޮށްލައިގެން ކަންކަން ކުރާ ގޮތަށް އަޅުގަނޑު ކުރިޔަސް ނުކުރާނަން، އެއަށްވުރެ ފެންވަރު ރަނގަޅުވާނެ އަޅުގަނޑުގެ، އަޅުގަނޑު ވައްކަން ކުރިޔަސް ނޭނގޭނެ އެ ބޭފުޅުންނަށް،" ފައްޔާޒު ވިދާޅުވިއެވެ.

މި ވާހަކަތަކަށް އާޒިމް ރައްދު ދެއްވީ ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. އެގޮތުން، ބިލުން ބާރު ލިބިގެން އިތުރު ސަރުކާރު ކުންފުންޏެއް އުފެދިދާނެތީ އާޒިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އާންމު ރައްޔިތުންގެ ވިޔަފާރިތަކަށް ވަނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މިހާރުވެސް 2 ސަރުކާރު ކުންފުނި އޮންނަކަން ފާހަގަކޮށް އިތުރު ސަރުކާރު ކުންފުންޏެއް ހަދަންވީ ކީއްވެތޯ އާޒިމް ސުވާލުއުފެއްދިއެވެ.

އިތުރަށް، އާޒިމް ވިދާޅުވީ ވައްކަން ކުރަން މާ މޮޅުވާނެކަމަށް ވިދާޅުވިޔަސް، މީހުންނަށް ނޭނގޭ ގޮތަށް ވައްކަން ނުކުރެވޭނެކަމަށެވެ. އެމަނިކުފާނަށް ކުރައްވާ ވައްކަންތައް އެނގިވަޑައިގަންނަވާކަމަށާ އެ ވާހަކަތައް ނުދައްކަވަނީ ރީތިގޮތުގައި މައްސަލަ ހައްލުކުރެއްވުމަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޒްގެ ނަން ވިދާޅުނުވެ އާޒިމް ވިދާޅުވީ، ރީތިގޮތުގައި މައްސަލަ ހައްލު ނުކުރެވޭނަމަ ކުރާ ވައްކަންތަކުގެ ވާހަކަ މަޖިލީހުގައި ދައްކާނެކަމަށެވެ.

މީގެއިތުރުން، އައު ސަރުކާރު ކުންފުންޏެއް އުފައްދަން ހިމަނާފައިވަނީ އެމްއެމްޕީއާރްސީ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގަން ކަމަށްވެސް އާޒިމް ތުހުމަތުކުރެއްވިއެވެ. ޓޫރިޒަމްގެ ސިނާއަތަކީ ރަންބިސްއަޅާ ކުކުޅު ކަމުގައިވާނަމަ، މި ކުންފުނިން އެ ކުކުޅަށް ބިސް ނޭޅޭނެ ގޮތަށް އަތްއަޅާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.