27 ސެޕްޓެމްބަރު 2020 - ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ މަޝްވަރާކުރެއްވުން

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލަށް އިސްލާމިކް މިިނިސްޓްރީން އިސްލާހުތައް ހުށަހަޅައިފިއެވެ.

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ބިލަށް އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފޮނުވާފައެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައިވަނީ، އެ މިނިސްޓްރީގެ ފަރާތުން ބައެއް ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެ ބިލު ފާސްވެގެން އަންނައިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މި މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެން ކަމަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި މިނިސްޓްރިން ހުށަހަޅާފައިވަނީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމަށެވެ. އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމަށް ދެވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވެއެވެ. 

ތިންވަނަ ކަމަކަށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމަށް މިނިސްޓްރީން ވަނީ ހުށަހަޅާފަ އެވެ.

މިނިސްޓްރީން ބުުނީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި މިނިސްޓްރީން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

މިނިސްޓްރިން ބުނިގޮތުގައި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް ހިންގާ ސުލްޙަވެރި ހަރަކާތްތަކަކީ ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށްވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.

މުޖުތަމައުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެފަދަ އެއްވެސް ޢަމަލަކީ އެ މިނިސްޓްރީން ބަލައިގަނެ ތަރުހީބު ދޭނޭކަންކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކޮށް ޤާނޫނަކަށް ވުމުގެކުރިން ރައްޔިތުންގެ މަޖިލީހުން މި މިނިސްޓްރީގެ ރައުޔު އޮޅުންފިލުއްވުމަކީ އެ މަޖިލީހުން ކުރެއްވި ރަނގަޅު ކަމެއްކަމުގައި މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ބިލު ޤާނޫނަކަށްވެގެން އަންނައިރު ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ލަފާފުޅަށް ބިނާކޮށް  މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނުއްވާނެކަމަށް ޔަގީން ކުރާކަމަށް މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *