" ބޮލުގައި ކިތަންމެ ނުރައެއް ހުއްޓަސް އަދި އަހަރެން 28 އަހަރު،" ށ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް އަރިހުން އުމުން ކިހާ ވަރެއްތޯ އަހާލުމުން ސަމާސާ ގޮތަކަށް ވިދާޅުވީ މިހެންނެވެ. އެއީ ތެދެކެވެ. މޫނުމަތިން އޭނާގެ ޒުވާންކަން ހާމަވި ނަމަވެސް ބޮލުގައި ޖަހާފައި ހުރި ނުރައިން އޭނާގެ އުމުރު ޔަގީންކުރަން އުނދަގޫވެދާނެ އެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރި މަގާމެވެ.
އުމުރުން އެެންމެ 28 އަހަރުގެ ރައިސަމް އަކީ މިއަދު ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އެވެ. އޭނާ އަކީ ށ. ފޭދޫ ރަށު ކައުންސިލްގެ ރައީސް ވެސްމެ އެވެ.
25 އަހަރުގައި ފުރަތަމަ ވެސް ނުކުންނެވީ އަތޮޅު ކައުންސިލްގެ ގޮނޑިއަށް
އުމުރުން 25 އަހަރުގައި ރައިސަމް އެންމެ ފުރަތަމަ އިންތިހާބަކަށް ކުރިމަތިލީ ށ. އަތޮޅު ކައުންސިލްގެ ކަނޑިތީމް ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު ކަމަށެވެ. އޭރު ސަރުކާރުގެ މައި ޕާޓީ ޕީޕީއެމްއާ ވާދަކުރުމަށް ރައިސަމް ނިކުންނެވީ އެއީ ވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުނި ވާހަކައަށް ގޮންޖަހަމުންނެވެ.
" އޭރު އެމްޑީޕީގައި މި ކޮޅުގައި ތިބި މީހުންވެސް ގަބޫލެއް ނުކުރޭ އެ ގޮނޑި އެމްޑީޕީއަށް ލިބިދާނެ ކަމަށް. އޭރު އެ ދާއިރާގެ މަޖިލިސް މެމްބަރު ކަމުގައި ހުންނަވަނީ ވެސް ޕީޕީއެމް މެމްބަރެއް. އަތޮޅު ކައުންސިލްގެ އެ ދާއިރާއަށް ވެސް އެމްޑީޕީގެ މެމްބަރުން އެހާ ޝައުގުވެރިއެއް ނުވޭ ކުރިމަލާކަށް، އެއީ ނުވާނެ ތީވެ. އަޅުގަނޑު ބޭނުންވީ އެ ޗެލެންޗާ ކުރިމަތިލާން. އެހެންވެ ވާދަކުރަން ބޭނުންވީ ވެސް. އޭރު ވާދަކުރީ މުޅި އަތޮޅު ދަންނަ ސިޔާސީ ތަޖުރިބާހުރި ފަރާތަކާ. އެކަމު ވަަރަށް ކުޑަ ތަފާތަކުން އެފަހަރު ބަލިވީ،" ރައިސަމް، އޭނާގެ ފުރަތަމަ ނާކާމިޔާބީގެ ތަޖުރިބާގައި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަދި ރައިސަމް
ނާކާމިޔާބީއަށް ފަހު ދެން ފޭދޫ ރައީސްކަމަށް
ރައިސަމް ވިދާޅުވި ގޮތުން އަތޮޅު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލައި، ފެއިލްވުމަކީ އޭނާގެ ސިޔާސީ މަސައްކަތަށް ލިބުނު ހިތްވަރަކާ އިތުރު ބާރަކެވެ. ވެއްޓުނީމާ ތެދުވެ އެއަށް ވުރެ ބާރަށް ދުއްވައިގަންނާށޭ ބުނާ ބަހުން ހިތްވަރު ޖެހިގެން އައި އިންތިހާބަށް ކުރިމަތިލި އެވެ.
މިދިޔަ އަހަރު ކައުންސިލް އިންތިހާބުގައި އޭނާ ވަދާކުރީ ފޭދޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށެވެ. ރައިސަމް ވިދާޅުވީ އެ އިންތިހާބަށް އޭނާ ކުރިމަތިލީ މޮޅުވާނެކަމުގެ ބޮޑު އުއްމީދަކާއެކު އެވެ. އެކަމު އެއީ ބޮޑު ވާދަވެރިކަމެކެވެ. އޭގެ ކުރިން އެރަށުގެ އިންތިހާބުތައް ގޮސްފައިވާ ގޮތުން އެމްޑީޕީއަށް ދުވަހަކުވެސް ކައުންސިލްގެ މެޖޯރިޓީ ލިބިފައެއްނެތެވެ. ރައިސަމް ނިކުންނެވީ ފުރަތަމަ ފަހަރަށް ރަށު މެޖޯރިޓީ އޮތީ އެމްޑީޕީއަށްކަން ދައްކާށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރެއިން ރައިސަމް އެމްޑީޕީގެ ބައްދަލުވުމެއްގައި ބައިވެރިވަނީ
"ރަށު ކައުންސިލްގެ ގޮނޑި އަޅުގަނޑަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވުނު. އަދި އަޅުގަނޑާއެކު ދެން ކައުންސިލް ގޮނޑިއަށް އެމްޑީޕީއަށް ނިކުންނެވި އެހެން ކެންޑިޑޭޓުނަށްވެސް ލިބުނު މޮޅާއެކު ފުރަތަމަ ފަހަރަށް ފޭދޫގެ ކައުންސިލް މެޖޯރިޓީ މި ވަނީ އެމްޑީޕީއަށް ލިބިފައި،" ރައިސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްގެ ނައިބް ރައީސް ކަމަށް ވެސް ބޮޑު ވާދަވެރިކަމެއް
ރަށު ކައުންސިލްގެ ރައީސްކަން ލިބުމުން ދެން ވެސް އޭނާ ދުލެއް ނުދިނެވެ. ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު އޭނާއަށް ކަނޑިތީމް ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑިއަށް ވާދަ ނުކުރެއްވުު ނަމަވެސް އޭނާ ހުންނެވީ އަތޮޅު ކައުންސިލަށް ވަޑައިގެންނެވޭނެ ގޮތް ހޯއްދަވައިގެންނެވެ. އަތޮޅު ކައުންސިލްގެ ރައީސް ހޮވަނީ މުޅި އަތޮޅުގެ ހުރިހާ ރަށަކުން ވޯޓު ދީގެންނެވެ. އޭގެ ކުރިން އޮންނަ ގޮތަށް ވަކިވަކި ދާއިރާތަކުން ވަކިން އަތޮޅު ކައުންސިލަށް ހޮވުން މިހާރު އޮތީ އުވާލާފައި އެވެ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންނެވެ.

ށ. އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
އެހެންވެ ރައިސަމް އަމާޒު ބެހެއްޓީ އަތޮޅު ކައުންސިލްގެ ނައިބު ރައީީސްގެ ގޮނޑިއަށް ވަޑައިގަންނަވާށެވެ. އެވެސް އެހާ ފަސޭހަ ކަމަކަށްނުވި އެވެ. ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ތިން ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން އެމްޑީޕީގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރި އެވެ. އެހެންވެ އެމްޑީޕީ އެތެރޭގެ ޕްރައިމަރީއަކުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ވާދަކުރާނެ މީހަކު ހޮވަން ނިންމި ކަމަށް ރައިސަމް ވިދާޅުވި އެވެ. އޭނާ އާ އެކު ދެން އެ އިންތިހާބުގައި ވާދަކުރީ ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް، މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމެވެ. އެ އިންތިހާބުގައި އެއް ވޯޓު ކުރި ހޯދައިގެން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ވަދާކުރާނެ އެމްޑީޕީ ކައުންސިލަރަކީ އޭނާ ކަމަށް ކަނޑައެޅުނެވެ.
އޭގެ ފަހުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަނޑައަޅަން ރަށު ކައުންސިލްގެ ހުރިހާ ރައީސުންގެ މެދުގައި ނެގުނު ވޯޓާ ކުރިމަތިލާ އެ އިންތިހާބުވެސް އޭނާ ހޯދި އެވެ.
"ރަށު ކައުންސިލްގެ ރައީސްގެ މަގާމަށްވެސް ލީ ރަށުގެ އިތުރުން އަތޮޅަށްވެސް ހިދުމަތްކުރަން އަޒުމްކަނޑައަޅައިގެން. ރަށު ކައުންސިލްގެ ރައީސް ކަަމަށް ކުރިމަތިލިއިރުވެސް ހިތުގައި އޮތް އަތޮޅު ކައުންސިލްގެ ނައިބު ކަމަށް ދާން. އެ އުއްމީދުވެސް ހާސިލްވެއްޖެ،" ރައިސަމް ވިދާޅުވި އެވެ.

ށ.ފޭދޫ ކައުންސިލްގެ ރައީސް ރައިސަމް
ރައިސަމްއަކީ އޭނާ އެންމެ ޅަ އުމުރުން ފެށިގެންވެސް ބޮޑެތި ކަންކަމާއި އަދި ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންވީ މީހެއްކަން އޭނާގެ ވާހަކައިން އެނގެ އެވެ. އަދ ކުރިއަށް އޮތްތަނުގައިވެސް ސިޔާސީ މައިދާނުގައި އޭނާ އެގޮތުގައި ކުރިއަށްދާން ވިސްނުން ހުރި ކަމަށް ވިދާޅުވި އެވެ.
ރައިސަމް އަކީ އަތޮޅު ކައުންސިލަށް ހޮވުނު އެ އަތޮޅުގެ އެންމެ އުމުރުން ހަގު މީހުންގެ ތެރެއިން އެކަކެވެ. އަދި އޭނާ އެ މަގާމަށް ވަޑައިގެންނެވީ އަތޮޅު ފެންވަރުގައި ސިޔާސީ ތަޖުރިބާހުރި ބޭފުޅުންނާ ވާދަކުރައްވައިގެނެވެ.