ސައުދީ އަރަބިއާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)އާ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެމެދު ސިއްރު ބައްދަލުވުމެއް ކުރިއަށްދިޔަ ކަމުގެ ރިޕޯޓުތައް ސައުދީ އަރަބިއާގެ ސަރުކާރުން ދޮގުކޮށްފިއެވެ.

މި ތުހުމަތުތައް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ އިސްރާއީލްގެ މީޑިއާއިންނެވެ. އެގޮތުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ މެދު އިރުމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެމްބީއެސްއާ ނަތަންޔާހޫއާ ބައްދަލުކުރެއްވި ކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އަދި މި ބައްދަލުވުމުގައި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާދްގެ އިސްވެރިޔާ ޔޮސީ ކޯހެންވެސް ބައިވެރިވިކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.

މިކަން ނަތަންޔާހޫގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން އިސްރާއީލްގެ 'އާމީ ރޭޑިއޯ'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މިފަދަ ބައްދަލުވުމެއް ކުރިއަށްދިޔުމުން އެކަމާ އުފާކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، މި ހުރިހާ ތުހުމަތުތަކެއް ސައުދީ އަރަބިއާގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އެގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދް ޓްވީޓްކުރައްވާފައިވާ ގޮތުގައި، އެފަދަ އެއްވެސް ބައްދަލުވުމެއް ސައުދީ އަރަބިއާއާއި އިސްރާއީލްއާ ދެމެދު ކުރިއަކަށް ނުދެއެވެ. އެހެންނަމަވެސް، މައިކް ޕޮމްޕޭއާ އެމްބީއެސް ބައްދަލުކުރެއްވިކަމަށް ޕްރިންސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މި ތުހުމަތުތައް ފެންމަތިވެފައިވަނީ އިސްރާއީލްއާ އަރަބި ބައެއް ގައުމްތަކުން ގުޅުން ގާއިމްކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެކުވެރި އަރަބި އިމާރާތް، ބަހްރެއިން އަދި ސުދާންއިންވަނީ އިސްރާއީލްއާ އެކު ގުޅުން ގާއިމްކޮށްފައެވެ. ސައުދީ އަރަބިއާއިން އިސްރާއީލްއާ އެކު ގުޅުން ބަދަހިކުރުން ވެގެންދާނީ އެގައުމުން ފަލަސްތީނުގައި ހިންގަމުންދާ ލާ އިންސާނީ އަމަލުތަކަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.