ރާއްޖޭގެ އާބަދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމް ޤާއިމުކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބިލަން ހުށަހެޅުމަށް ދައުވަތު ދީފިއެވެ.
މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރާ ރަށްތަކަކީ:
- އައްޑޫ ސިޓީ (ހުޅުދޫ މީދޫ ހިމެނޭ ގޮތަށް)
- ފުވައްމުލައް ސިޓީ
- ކުޅުދުއްފުށީ ސިޓީ
- ގދ. ތިނަދޫ
- ބ. އޭދަފުށި
- ޅ. ހިންނަވަރު
މި ސަރަހައްދުތަކުގެ ސޯލަ ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މަސައްކަތައް ހުޅުވާލުމުން 61 ކުންފުންޏަކުން ވަނީ މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރިކޮލިފިކޭޝަން ހުށަހެޅުމަށްޓަކައި ރަޖިސްޓަރވެފައެވެ. އަދި އޭގެތެރެއިން 34 ކުންފުންޏަކުން ވަނީ މި ނިޒާމްތައް ޤާއިމްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހަޅާފައެވެ.
މިނިސްޓްރީން ބުނިގޮތުގައި މިފަދަ މަޝްރޫޢުތަކުގައި އަމަލުކުރާ އުސޫލުތަކަކީ މަޝްރޫއަށް އިއުލާންކޮށް ޕްރިކޮލިފިކޭޝަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް މި ކުންފުނިތަކަކީ މިފަދަ މަސައްކަތްކުރުމަށް ފަންނީ އަދި މާލީ ގާބިލުކަން ހުރި ކުންފުނިތަކެއްތޯ ވަޒަންކުރުންކަމަށެވެ. އަދި އެއަށްފަހު ބީލަން ހުށަހެޅުމުގެ ދައުވަތު ދެނީ ހަމައެކަނި ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވެ ބީލަން ހުށަހެޅުމުގެ ދައުވަތު އެރުވީ 12 ކުންފުންނަކަށެވެ.
ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލަރ ހަކަތައިގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެސްޕަޔަރ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ އެރައިސް ޕްރޮޖެކްޓުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލަރ ޕީވީގެ ނިޒާމުތައް ގާއިމްކުރުމަށް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ރާއްޖޭގެ 14 ރަށެއްގައި ޤާއިމުކުރުމަށް ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.