ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުން ހުއްޓުވުމަށްކަމަށެވެ. އެމްޑީޕީން ބުނިގޮތުުގައި ނަފްރަރު އުފެއްދިމުގެ އާހިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން މުހިންމު ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ދެކޭގޮތުގައި ނަފްރަތުގެ ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެކެވެ.

އެމްޑީޕީން ވަނީ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ނުރައްކާތެރި މަސައްކަތް ހަރުއަޑުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީން ވަނީ ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަމުން އަންނަކަން ފާހަގަކޮށް، އެކަންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުން ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި ގައުމު ބިނާކުރުމަކީ އެ ޕާޓީގެ އެންމެ އިސް އެއް އަމާޒު ކަމަށް އެމްޑީޕީން ބުނެއެވެ.

މި ބިލް ފާސްކުރުމަށް އެމްޑީޕީން އެދިފައިވާއިރު، މި ބިލަށް ކުރެވުނު ބަހުސްގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ މި އިސްލާހަށް ތާއީދުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ރައްދުކޮށްފައެވެ.

މީގެ އިތުރުން ދީނީ އިލްމް ވެރިންނާއި ގިނަ ރައްޔިތުންވެސް ދަނީ އެ ހިސާންގެ ހުށަހެޅުމަށް ތާއީދު ނުކުރާކަމަށް ބުނެ ޝުޢޫރު ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.