ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ޙަރަކާތް ހިންގަވާކަމަށް ބުނެވޭ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވެއެޖެއެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކަށް ރައްދު ދީ ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން، ރައީސް ޔާމީން ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ޙަރަކާތް ހިންގަވާކަމަށާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ލީޑަރޝިޕް ގްރޫޕްތަކާއި ޕާޓީގެ ކައުންސިލް ގްރޫޕްތަކުގައި އެމަނިކުފާނު ވާހަކަފުޅުދައްކަވައި، ވީޑިއޯ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެން ސިޔާސީ ޙަރަކާތްތައް ހިންގަވާކަމަށް ބުނެ ލިޔެވިފައިވާ ވާހަކަތަކަކީ ދޮގު ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.
ރައީސް ޔާމީން ގޭ ބަންދައް ބަދަލުކުރެވުމާއި ގުޅިގެން އެމަނިކުފާނަށް ފޯނު ބޭނުންކުރުމުގެ ހުއްދަ ދެވުނުކަމުގައިވީ ނަމަވެސް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ، ވަޓްސްއެޕް، ވައިބަރ، ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުންކުރެއްވުމުގެ ހުއްދައަކަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހުށަހެޅުމުން އެ ހުއްދަ ދީފައިނުވާތީ މިއިން އެއްވެސް ގްރޫޕެއްގައި އެމަނިކުފާނު ހަރަކާތްތެރިވަމުން ނާންނަކަމަށް ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނުގައި ފާހަގަކުރެއެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ވަނީ މި ހަބަރު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، ރައިސް ޔާމީނާއި ބެހޭ ގޮތުން ދޮގު ހަބަރު ނުފެތުރުމަށް ނަސޭހަތްތެރިވެ ދެވަނަ ފަހަރަކު އެފަދަ ކަމެއް ހިނގައިފިނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.
ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔުމާއި ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ވަނީ ވަގުތީ ގޮތުން އޭޕްރީލްމަހުގެ 29 ވަނަ ދުވަހު ގޭބަންދަށް ބަދަލުކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގގެ ދައުވާގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ. އެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.