ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 253 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 5،296 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 35 ކޭސް
- އަތޮޅުތެރެއިން - 164 ކޭސް
- ރިޒޯޓުތަކުން - 3 ކޭސް
- ތަރައްގީ ކުރެވެމުން އަންނަ ރަށްތަކުން - 43 ކޭސް
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،784 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 44 އަށް ދައްވެފައެވެ.
✳️ COVID-19 : Case Updates pic.twitter.com/w3Yf2MNge0
— Health Protection Agency (@HPA_MV) June 21, 2021
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 72،149 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 67،148 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 206 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންނަމަވެސް އަދަދުތައް ދައްވަމުން އައުމާއި ގުޅިގެން ފިޔަވަޅުތަކަށް ލުއިދިންކަމުގައިވީނަމަވެސް ގިނަ ފިޔަވަޅުތައް ދަްމަހައްޓާފައިވެއެވެ. އެގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ފަތިހު 04:00 ކާފިއުގެ ހިންގާއިރު އަދިވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނައެވެ.