ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ މި މަޝްވަރާ ބައްދަލުވުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިފަހަރު ބޭއްވުނީ ވަރޗުއަލްކޮށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްއިން ހާމަކޮށްފައިވާ ގޮތުގައި، މިފަހަރުގެ ބައްދަލުވުމުގައިވެސް  އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން ޑިމޮކްރަސީ، ހިންގުމުގެ ދާއިރާ، ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުން، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާ ކުރިއެރުވުން، ނުރައްކަލަށް ހުށަހެޅޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުން، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުން، މަސްވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުން، އިޤްތިޞާދު، ވިޔަފާރިއާއި އިންވެސްޓްމަންޓް، މާލީ ދާއިރާ އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.

އަދި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއި، ޑޮމޮކްރަސީ ހަރުދަނާކުރުމާއި، ހެޔޮވެރިކަން އަދި ދެ ޖިންސުގެ ހަމަހަމަކަމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން މިއަދުގެ ބައްދަލުވުމުގައިވެސް ރާއްޖޭގެ ފަރާތުން  ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް އީޔޫ އިން ދޭ 1 މިލިއަން ޔޫރޯގެ ފަންނީ އެހީއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އީޔޫއިން ވަނީ ހިއްސާކޮށްފައެވެ. 

ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕިއަން ޔޫނިއަންއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާތައްކުރިއަށް ގެންދެވުނެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން އީޔޫގެ ސަފީރުން ވަނީ ފާޅުކުރައްވާފައެވެ. މިމޭރުމުން މަޝްވަރާކުރައްވަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުޙަބާކިޔައި، އެދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އީޔޫ ސަފީރުން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހިރާއްޖެއިން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ޔޫރަޕްގެ ޤައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާތީ ޖަރމަނީ، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާއަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. ހަމައެހެންމެ، ޔޫރަޕްގެ ވިޔަފާރިތަކަށް ރާއްޖެއިން ފަހި ފުރުސަތުތައް ހުޅުވާލުމާއި ގުޅޭގޮތުން ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވްގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ އެއްބަސްވެފައެވެ.

ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަންވެސް މަޝްވަރާ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. މިދާއިރާތަކުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް، ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާ ބެހޭ މައުލޫމާތު އީޔޫގެ މެމްބަރު ޤައުމުތަކާ ވަނީ ހިއްސާކުރެވިފައެވެ. ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް" ތަންފީޒުކުރުމަށް 5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި އީޔޫ އާ ދެމެދު ސޮއިކޮށްފައިވާއިރު، ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެހީވުމަށް 2019 ވަނަ އަހަރު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 45 މިލިއަން ޔޫރޯގެ ލޯނު އެހީ ހަމަޖައްސައިދީފައިވެއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އީޔޫގެ މެންބަރު ގައުމްތަކުން ދީފައިވާކަމަށްވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ތިމާވެއްޓާއި ރައްޓެހި ސިޔާސަތުތަކެއް ގެންގުޅުމުގެ މުހިއްމުކަން ދިވެހިރައްޖެއާ އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މެރިޓައިމް ސެކިއުރިޓީ، ކައުންޓަރ ޓެރަރިޒަމް އަދި ވަޔަލެންޓް އެކްސްޓްރީމިޒަމް އާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަން އިން ވަނީ މަޝްވަރާކޮށްފައެވެ. ދިވެހިރާއްޖެއާއި އީޔޫގެ މެދުގައި އޮންނަ ސަލާމަތީ އެއްބާރުލުމުގެ ތެރެއިން ކައުންޓަރ ޓެރަރިޒަމް އަދި ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2.5 މިލިއަން ޔޫރޯގެ ޕްރޮޖެކްޓެއް އީޔޫ އިން ވަނީ ދާދިފަހުން ލޯންޗްކޮށްފައެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ދެމެހެއްޓެނިވި އަދި އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީ ކަށަވަރުކުރެވޭ ގޮތަށް ހެދިފައިވާ ޕްލޭންތަކާ ބެހޭ ގޮތުން މިއަދުގެ މަޝްވަރާތަކުގައި އީޔޫ ސަފީރުންނަށް މައުލޫމާތު އެރުވުނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް އީޔޫއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން 1 މިލިއަން ޔޫރޯގެ ހިލޭ ދީފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ލޯނެއް ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވެއެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މީގެއިތުރުން މިނިސްޓަރ އޮފް ފައިނޭންސް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓަރ އޮފް އެންވާރަމެންޓް، މިނިސްޓަރ އޮފް ޓޫރިޒަމް، މިނިސްޓަރ އޮފް ހެލްތު، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ބަންޑާރަ ނައިބުގެ އޮފީސް، އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގައި އިސްކޮށް ހުންނެވީ އީޔޫ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ. މިފަހަރުގެ ޕޮލިސީ ޑައިލޮގްގައި ފްރާންސް، އިޓަލީ، ޖަރމަނީ، ފިންލެންޑް، ޗެކް ރިޕަބްލިކް، އަޔަލެންޑް، ހަންގޭރީ، ނެދަލެންޑްސް، ބެލްޖިއަމް، ގްރީސް، އޮސްޓްރިއާ، ޕޮލެންޑް، ސްލޮވާކިއާ، ޕޯޗުގަލް، ޑެންމާކް އަދި ސްވީޑަންއިން ރާއްޖެއަށް ކަނޑައަޚާފައިވާ މިޝަންތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.