އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އީސީ އިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަށް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެއީ މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 25 އަހަރު ފުރިފައިވުމުގެ އިތުރުން ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވެސް ވަޒީފާ އަދާ ކުރާ މީހެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި އެ މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހެއް ނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.