ހެލްތް މިނިސްޓަރ އަހްމަދު ނަސީމް

ހެލްތު މިނިސްޓަރ ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެމްބިއުލާންސްގެ ލަސްތަކެއް ހުރިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަރުވާ ދިނުން ލަސްވެ، ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރ އިމްތިޔާޒް ސުވާލު ކުރެއްވީ، މީގެ ކުރިން ވެސް އެމްބިއުލާންސް ލަސްވާ ކަމުގެ ޝަކުވާތައް ހެލްތު މިނިސްޓްރީއަށް ލިބިފައިވޭތޯއެވެ.

ޖަވާބުގައި މިނިސްޓަރ ނަސީމް ވިދާޅުވީ އޭނާ މިނިސްޓަރ ކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން ލަސްތަކެއް ހުރިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން މިނިސްޓަރާ ހަމައަށް ނައިސް ވެސް އޮވެދާނެ ކަމަށާއި، މިޝްކާގެ ހާދިސާގައި ވެސް އެމްބިއުލާންސް ޓްރިގާ ކުރިތާ 10 މިނިޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ މިޝްކާގެ މަރުގެ ހާދިސާއާ ގުޅިގެން އެމްބިއުލާންސްގެ ހިދުމަތް ފަސޭހައިން ފޯރުކޮށް ދެވޭނެ ގޮތް ހެލްތު މިނިސްޓްރީން ހަދާފައިވާ ކަމަށެވެ. އެގޮތުން އެމްބިއުލާންސްގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ބަދަލު ކޮށްފައިވާ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި އެންމެ ބޮޑަށް އެމްބިއުލާންސް ލަސްވެފައި ވާނީ 20 މިނިޓު ކަމަށެވެ. އެހެންކަމުން އެއީ ލަސްވުން ކަމަށް ނުބެލޭނެ ކަމަށާއި، އެމްބިއުލާންސް ދާއިރު ބަލިމީހާ ތައްޔާރު ނުވެ ހުންނަ ހާލަތްތައް ވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވީ، ސިއްހީ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުންނެވެ. އެގޮތުން، އެމްބިއުލާންސް ހޯދުމަށް އެޗްއީއޯސީއަށް ގުޅާ 2 ގަދިއިރަށްވުރެ ގިނައިރު ވީއިރުވެސް އެމްބިއުލާންސް ނުދާ ކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ތައްޔާރު ކުރި ކޭސް ރިޕޯޓުގައި ބުނީ، އެމްބިއުލާންސް ލަސްވީ އެމްބިއުލާންސްއާ ހަމައަށް މެސެޖު ދިއުން ލަސްވެގެން ކަމަށާއި، މެސެޖު ލިބުނުތާ 10 މިނިޓު ތެރޭ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

މި ހާދިސާ ހިނގުމުގެ ކުރިން، އެމަޖެންސީތަކުގައި އެޗްއީއޯސީއަށް ގުޅުމުން، އެ މެސެޖު އެމްބިއުލާންސްއާ ހަމައަށް ފޯރު ކޮށްދޭން 3 މަރުހަލާއެއް ނަގައެވެ. ނަމަވެސް މި ހާދިސާ ހިނގުމާ ގުޅިގެން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެމަޖެންސީ އެމްބިއުލާންސް ހިދުމަތް ހޯދަން ގުޅާނެ ވަކި ހޮޓްލައިން ނަމްބަރެއް ވަނީ ގާއިމް ކޮށްފައެވެ. ކޮވިޑް-19 އާ ގުޅުން ހުރި އެމަޖެންސީތަކުގައި ގުޅަން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރަކީ "100" އެވެ.

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.