ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި އިމްރާންގެ ދިފާއުގައި 53 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އިމްރާނަށް އިތުބާރު ކުރެވޭ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އިމްރާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ މައްސަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ކުރިން ކުށްވެރިކޮށް ވާހަކަ ދައްކާފައިވީ ނަމަވެސް އެމްޑީޕީގެ ޕީޖީ އިން ވެސް ރޭ ވަނީ އިމްރާން ދިފާއު ކުރަން ނިންމައިފަ އެވެ. އެއާއެކު މިއަދުގެ މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އިމްރާންގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އަދި ބައެއެް އެމްޑީޕީގެ މެންބަރުން ވިދާޅު ވަނީ އިމްރާންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ނިޔަތް ގޯސް ކަމުން އެ މައްސަލާގައި ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިތުބާރު ނެތް މައްސަލައާ ގުޅިގެން ޖަވާބުދާރީ ވެވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ އޭނާގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ސަރުކާރު ބަލިކަށިކޮށްލާ ކޯލިޝަން ރޫޅާލުމުގެ ނިޔަތުގައި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތް ކުރައްވާ ވިދާޅުވީ އެފަދަ އުނދަގޫތައް ކުރި ނަމަވެސް ގައިދީއެއް ދޫ ނުކުރައްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.