ދީނީ ގޮތުން ނަފްރަތު އުފެއްދުމާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކެއްގައި ތިން މެމްބަރެއްގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާ ހޫނުވެ، ބޮޑު ބަހުސެއް ފެށިގެން ދިޔައީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)ގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ މެދުގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅުނު ބިލުގެ ކޮމިޓީ ރިޕޯޓަށް ކުރެވުނު ބަހުސްގެ ތެރެއިންނެވެ.

ބަހުސް ހޫނުވެގެންދިޔައީ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ދެއްކެވި ވާހަކަތަކާއެކުގައެވެ. އެގޮތުން ޝަރީފްގެ ވާހަކައިގައި ވައްޑެއަށް ދީނާއި ގުޅުވައިގެން ނަފްރަތު އުފެއްދޭފަދަ މޭރުމަކުން ވާހަކަދެއްކެވި ކަމުގެ ތުހުމަތު ކުރެއްވުމުންނެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް-- ފޮޓޯ: މަޖިލިސް

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އުނގޫފާރު ދާއިރާގެ މެމްބަރުމި ވާހަކަ ދައްކަވާތީވެ. އިސްލާމްދީނަކީ ބޮން ގޮއްވާ ދީނޭ، ލޭ ހުއްދަކުރާ ދީނޭ، އިސްލާމުންނަކީ މީހުން މަރާ ބައެކޭ، މި އިބާރާތް ދޭހަވާ ގޮތަށް ވާހަކަދެއްކަވާ ކަމީ ހިތާމަވެރިކަމެއް" ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މިހެން ވިދާޅުވުމާއި އެކު ވަހީދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. އޭނާ ވިދާޅުވީ ޝަރީފް އޭނާގެ ބޮލުގައި އެޅުއްވީ ދޮގު އިލްޒާމެއް ކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު އިސްލާމްދީނަށް ނިސްބަތްކޮށް އެއްވެސް ވާހަކައެއް ނުދަންނަވަން. ކަނޑައެޅިގެން އަޅުގަނޑަށް ހަމަލާދޭން ހިތްވަރުދޭގޮތަށް މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އެ ވާހަކަދައްކަވަނީ" ނިޒާމީ މައްސަލަ ނަންގަވައި ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވީ ލޭ ހުއްދަކޮށް، މީހުން ކާފަރުކޮށް އަދި ދަރިން ޖިހާދަށް ފޮނުވުމަކީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ކުރުމަށް ބަޔަކު ހިތްވަރު ދިނުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވެއްޓި، އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ލޭ ހުއްދަކުރަން ގޮވުމަކީ ޚިޔާލު ފާޅުކުރުމެއް ނޫން ކަމަށެވެ.

ވަހީދަށް ފަހު ނިޒާމީ މައްސަލައެއް ނަންގަވާ ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ވަހީދު ނުދައްކަވާ ވާހަކައެއް އޭނާ ދެއްކެވި ކަމަށް ޝަރީފް ވިދާޅުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޝަރީފްގެ ވާހަކަތަކަކީ ވަހީދުގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއް ކަމުގެ ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ. އަދި ލޭ ހުއްދަ ކުރަން ހިތްވަރު ލިބޭ ގޮތަށް މަޖިލީހުގައި ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ބިލަށް ބަހުސް ކުރެވެމުންދާއިރު ދީނަށް ނަފްރަތުވާ މޭރުމަކުން އެހެން މެމްބަރުން ވާހަކަދެއްކެވި ކަމަށް ވިދާޅުނުވުމަށް އިލްތިމާސްކުރައްވާފައެވެ. އެއަށްފަހު އޭނާ ވަނީ ޝަރީފަށް އޭނާގެ ވާހަކަކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާފައެވެ.

ޝަރީފް ދެން ދެއްކެވި ވާހަކައިގައި ތުހުމަތުކުރެއްވީ އިންތިއާއި ވައްޑެ ގެއްދަވަނީ ދީނަށް ނަފްރަތު އުފެދޭ މޭރުމަކުން ވާހަކަދައްކަވާ ކަމަށެވެ. ޝަރީފްގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރިޔާސަތުން ވިދާޅުވީ މިހާތަނަށް އިސްލާމްދީނަށް ފުރައްސާރަކޮށް، އެއްވެސް މެމްބަރަކު ވާހަކަދައްކަވާފައިނުވާ ކަމަށާއި އެހެން ފަހުމުވާ ގޮތަށް ވާހަކަ ކުރިއަށް ނުގެންދިއުމަށެވެ.

ދެވަނަ ފަހަރަށް ނިޒާމީ ނުކުތާ ނަންގަވާ ވައްޑެ ވަނީ ނުސީދާ ގޮތަކަށް ޝަރީފްގެ ޚިޔާނާތުގެ ވާހަކަ ނަންގަވާފައެވެ. އޭނާ ވިދާޅުވީ އިސްލާމްދީނަށް ލޯބި ކުރައްވާ މީހަކު ރިޝްވަތުގައި ނުޖެހޭނެ ކަމަށެވެ. ވައްޑޭ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ޖެހުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓަށެވެ. މި ލިސްޓުގައި ޝަރީފްގެ ނަން ހިމެނެއެވެ.

ވައްޑެއަށް ފަހު އަނެއްކާވެސް ނިޒާމީ ނުކުތާއެއް ނަންގަވާ އިންތި ވަނީ އެ ދެ މެމްބަރުން އިސްލާމްދީނަށް ނަފްރަތު އުފެދޭ ގޮތަކަށް ވާހަކަދެއްކެވި ކަމަށް ޝަރީފް ދެއްކެވި ވާހަކައަކީ އިތުރުފުޅެއް ކަން ތަކުރާރުކުރައްވާފައެވެ. އެހެން ވިދާޅުވާން ޖެހޭ ސަބަބު ވެސް ހާމަކުރެއްވުމަށް ގޮވާލެއްވާ އެނާ ވަނީ އެގޮތަށް ވާހަކަދައްކަވަނީ 241 ކޮމިޓީން ހާމަކުރި އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގެ ސަބަބުން އޮތް ޒާތީ މައްސަލައެއްގެ ސަބަބުންތޯ ސުވާލުކުރައްވާފައެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

"އަޅުގަނޑުމެން އިހައް ދުވަހު ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ ރިޕޯޓު، ދައުލަތުގެ މުއައްސަސާތަކުގެ ތަހުގީގު ހިންގަމުންދާ ރިޕޯޓެއް އާއްމުކުރީމަ އޮތް ނަފްރަތުތޯ؟ މިލިއަން މިލިއަން ރުފިޔާ އިން ޚިޔާނާތްތެރިވީ އެމްއެމްޕީއާރުސީގެ އެ ތުހުމަތު އެޅިފައިވާ" ނިޒާމީ މައްސަލައެއް ނަންގަވައި އިންތި ވިދާޅުވިއެވެ.

އިންތިގެ ނިޒާމީ މައްސަލައަށް ފަހު ރިޔާސަތުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް މެމްބަރުން ވާހަކަ ނުދެއްކެވުމަށް އިންތިމާސްކުރައްވާފައެވެ. އެއަށް ދަހު އޭނާ ވަނީ ދެވަނަ ފަހަރަށް ޝަރީފަށް ވާހަކަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާފައެވެ.

ޝަރީފްގެ ވާހަކަ ފެއްޓެވީ ވެސް އިންތިއަށް ބަހުގެ ހަމަލާތަކެއް ފޮނުއްވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ ޚިޔާނާތުގެ ލިސްޓު ހާމަކުރީ ވަކި ބައެއްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވުމުގެ ގޮތުން ކަމަށެވެ.

މި މެމްބަރުންގެ މެދުގައި އުފެދުނު ޒުވާބުގައި ނިޒާމީ މައްސަލައަކަށް ފަހު މައްސަލައެއް ނަންގަވާ ވާހަކަދައްކަވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.