ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސައުދީ އަރަބިއްޔާގެ އަރަމްކޯގެ ޑިސްޓްރިބިއުޝަން ސްޓޭޝަނަކަށް ހަމަލާ ދީފައިވާ ކަމަށް ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ބުނެފިއެވެ.
ހޫތީން ހާމަކޮށްފައިވާ ގޮތުގައި އެ ޖަމާއަތުން މިސައިލް ހަމަލާ ދީފައިވަނީ ޖިއްދާގައި ހުންނަ އަރަމްކޯގެ ޑިސްޓްރިބިއުޝަން ސްޓޭޝަނަކަށެވެ. އެ ޖަމާއަތުން މި ހަމަލާ ދީފައިވާ ކަމަށް ބުނި ނަމަވެސް ސައުދީ އަރަބިއްޔާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އަރަމްކޯއިން ވެސް މިކަމުގައި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހޯމަ ދުވަހުގެ ވަގުތެއްގައި އެގައުމުން ވަނީ ސަލާމަތީ ފިޔަވަޅުތަކާއެކު މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ކުންފުނިތަކަށް އަންގާފައެވެ.
އަރަމްކޯގެ ގިނަ ކާރުހާނާތަކާއި ޑިސްޓްރިބިއުޝަން ސައިޓުތައް ހުންނަނީ ސައުދީގެ އިރުމަތީ ޕްރޮވިންސްތަކުގައެވެ. އެއީ ޖިއްދާ އާއި ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދުރުގައެވެ.
ހޫތީ ޖަމާއަތުގެ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށްވާ ޔަހްޔާ ސަރީއާ ވަނީ މި ހަމަލާ ދީފައިވަނީ ގުދުސް 2 މަރުކާގެ މިސައިލެއް ބޭނުންކޮށްގެން ކަމަށް ބުނެފައެވެ. އަދި މި ހަމަލާ ކާމިޔާބު ވެފައިވާ ކަމަށާއި ހަމަލާއާއެކު އެ ސްޓޭޝަނަށް އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ އުޅަނދުތައް ޖަމާވި ކަމަށް އޭނާ ބުންޏެވެ. މިއީ ސައުދީއިން އިސްވެ އޮވެ ޔަމަނަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އޭނާ ބުންޏެވެ.