ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި ބިލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް ފާސްކުރުމަށް 56 މެމްބަރުން ވޯޓުދެއްވިއެވެ.

މި ދެ ބިލު ދިރާސާކުރި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ން ވަނީ މި ބިލުގައި އާއިލާ މާނަކުރާ ގޮތް ތަފްސީލުކޮށްދީފައެވެ. އަދި ބައެއް ލަފްޒުތަކަށް ބަދަލު ގެންނަވާފައިވެއެވެ.

އެގޮތުން ބިލުގައި ދައުލަތުން 'ގެއެއް' ހަމަޖައްސާދިނުމަށް އޮތުމުން، އެ ލަފްޒު 'ތަނަކަށް' ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން ވަނީ ފަނޑިޔާރުންގެ ގާނޫނަށާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ރަސްމީ ގެކޮޅާއިބެހޭ މާއްދާއެއް އިތުރުކުރުމަށް ހުށައަޅާފައެވެ.

މި ދެ ގާނޫނަށް އިތުރުކުރަން ހުށައަޅާފައިވާ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށެވެ. އަދި ދައުލަތުން ހަމަޖައްސަދޭ ރަސްމީ ގެއަކީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެއިތުރުން މި ގޭގެ ސެކިއުރިޓީ ބަލަހައްޓާނީ ޤައުމީ ދިފާއީ ހިދުމަތުން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ބޭނުންވާނެ ރަސްމީ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ރަސްމީ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.

ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސާދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ މެއި މަހުގެ 6 ވަނަ ދުވަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަށްކޮށްލުމަށް ޓެރަރިސްޓު ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. މި ހަމަލާއާއި ގުޅިގެން، މަޖިލީހުން ދަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީ އެއް ވެސް ހަދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.