ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮޓަރިއެއް ބަގްކުރަން އުޅުނު މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުންދާ ކަމަށް ބުނެފިއެވެ.
މިއަދުގެ މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދާ ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި އެތަން ބަގު ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބަގު ކުރުމަށް މަޖިލީހުގައި މަސައްކަތްކުރާ ސެކިޔުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ ސްޓާފަކާ ވާހަކަ ދެއްކި ކަމާއި އެކަން ސަމާލުކަމަށް ގެނައީ މަޖިލީހުގެ ސެކިޔުރިޓީ ސްޓާފަކު އެކަން ސާޖަންޓް އޮފް އާމްސްގެ ސަމާލު ކަމަށް ގެނައުމުން ކަމަށެވެ.
މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުން ސާޖަންޓް އޮފް އާމްސް އިސްވެ އެ މައްސަލަ ކޮންމެވެސް މިންވަރަކަށް ބަލާނެ ކަމަށެވެ. މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ފޮނުވިއެވެ.