ކައުންސިލްތަކުގެ ލަފަޔާއި ނުލައި، ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާ ގޮތަށް ދެ ގާނޫނަކަށް ހުށައަޅާފައިވާ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
މަޖިލީހަށް މި ބިލު ހުށައެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދެވެ. އޭނާ ވަނީ ކައުންސިލްގެ ލަފަޔާއި ނުލާ އެސްޖީން އައްޔަނުކުރާ ގޮތަށް ބަދަލުކުރުމަށްޓަކައި ދެ ގާނޫނަކަށް އިސްލާހު ހުށައަޅާފައިވެއެވެ. އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ސިވިލް ސަރވިސްގެ ގާނޫނަށެވެ.
މި އިސްލާހު ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ ސީއެސްސީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލާ ހަމަހަމަ ފުރުސަތެއް ދިނުމެވެ. އަދި އެ މަގާމަށް އައްޔަނުކުރާ ފަރާތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ ފަރާތެއް ކަން ކަށަވަރުކުރުމެވެ.
މި ދެ ބިލު އަނބުރާ ގެންގޮސްފައިމިވަނީ މި އިސްލާހަށް ތާއީދު ނުކުރާކަން ގިނަ މެމްބަރުން ހާމަކުރައްވާފައިވަނިކޮށެވެ. އެ މެމްބަރުން ގޮވާލެއްވީ މިހާރު ގާނޫނު އޮތް ގޮތަށް، އިސްލާހެއް ނުގެނެސް ބޭއްވުމަށެވެ.
މިހާރު ގާނޫނު ގާނޫނު އޮންނަ ގޮތުން ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުއައްޒަފުގެ ގޮތުގައި ކަނޑައަޅައި، ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާނީ ކައުންސިލްތަކުގެ ލަފާގެ މަތިންނެވެ. މި އިސްލާހު ގާނޫނަށް ގެނައީ މި ސަރުކާރުންނެވެ.