ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހަދަމުންދާ ޕާލިމެންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ހާޒިރުކޮށްފިއެވެ.
މިދިޔަ މަހުގެ 6 ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިންކުއަރީ ހަދަމުންދަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންނެވެ. މިނިސްޓަރ މާރިޔާ ކޮމިޓީއަށް ސުވާލުކުރުމަށް ހާޒިރުކޮށްފައިމިވަނީ ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ އުސޫލުތަކާއި ޚިލާފުކަމެއް ކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބަޔާނެއް ވެސް ނެރެފައިވަނިކޮށެވެ. އެމްއެންޑީއެފް އިން ބުނީ ވަކިވަކި ސިފައިންގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިން ކަމަށެވެ.
އެހެންނަމަވެސް، ކޮމިޓީ އިން ދަނީ އިންކުއަރީގެ ބޭނުމަށްޓަކައި ވަކި ވަކި ސިފައިންނާއި ފުލުހުން ވެސް ހާޒިރުކޮށް ސުވާލުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ ސުވާލުކުރުން pic.twitter.com/eoLmHpOv4X
— People's Majlis (@mvpeoplesmajlis) June 21, 2021
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިނިސްޓަރ މާރިޔާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ދަނީ ގޮވާލަމުންނެވެ. ރައީސް ނަޝީދުގެ މައްސަލާގައި މާރިޔާ އެކަށީގެންވާ ވަރަށް ނުބައްލަވާލަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރަމުންދެއެވެ. އެގޮތުން ހަމަލާއެއް ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް ނަޝީދާއި މާރިޔާ އާއި ހިއްސާކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފައެވެ.
241 ކޮމިޓީން ވަނީ އިންކުއަރީ އަށް މައުލޫމާތު ހިއްސާކުރުމަށް ސިފައިންނާއި ފުލުހުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. އަދި މައުލޫމާތު ފޮނުވާ ފަރާތުގެ މައުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޓީން ވަނީ ދީފައެވެ.