3 ނޮވެމްބަރުގައި އެމެރިކާގައި ނެގުނު ރިޔާސީ އިންތިހާބުން ނާކާމިޔާބު ވުމަށްފަހު، ވޯޓުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވަމުން އަންނަ މަސައްކަތް އަނެއްކާވެސް ނާކާމިޔާބުވެއްޖެއެވެ.

އިންތިހާބުން ބަލިވުމާއި ގުޅިގެން، މަކަރު ހަދާފައިވާކަމުގެ ތުހުމަތުތަކެއްކޮށް، ގިނަ އަދަދެއްގެ ވޯޓުތައް ބާތިލްކުރުމަށް ޓްރަމްޕް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ޕެންސަލްވޭނިޔާގެ 3 މިލިއަން ވޯޓު ބާތިލް ކުރުމަށް ޓްރަމްޕް ހުށަހަޅާފައިވާ މައްސަލަ ކޯޓުންވަނީ އިއްޔެ ބޭރުކޮށްލާފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން އެމެރިކާގެ ޑިސްޓްރިކްޓް ކޯޓު ޖަޖް މަތިއު ބްރެން ވިދާޅުވި ގޮތުގައި، އިންތިހާބު އޮޅުވާލާފައިވާކަން ސާބިތުކޮށްދިނުމަށް ޓްރަމްޕްގެ ލޯޔަރުން ވަނީ ނުކުޅެދިފައެވެ. ހެއްކާއި ގަރީނާ ނެތި ހުށަހެޅޭ މައްސަލައެއްގެ ސަބަބުން އެންމެ ރައްޔިތެއްގެ ވޯޓުލުމުގެ ހައްގުވެސް ނިގުޅައިގަނެވިގެން ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޕެންސަލްވޭނިޔާގައި ވޯޓުން މަކަރު ހަދާފައިވާކަމަށް ތުހުމަތުކޮށް ކޯޓަށް މައްސަލަ ހުށަހެޅުނީ 9 ނޮވެމްބަރުގައެވެ. އެގޮތުން، އިލެކްޝަން އޮފިޝަލުން އެއް މައްސަލައެއްގައި ދެ މީހަކަށް ދެ ގޮތަކަށް ކަންތައްކޮށްފައިވާކަމަށާއި، އޭގެ ސަބަބުން ވޯޓުގެ ސައްހަކަން އޮޅިފައިވާކަމަށް ޓްރަމްޕްގެ ލޯޔަރުން ވަނީ ބުނެފައެވެ. 

ޕެންސަލްވޭނިޔާގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކުގައިވެސް ވޯޓުން މަކަރު ހަދާފައިވާކަމަށް ތުހުމަތުކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް މިހާރު ބޭރުކޮށްލާފައިވާއިރު، ޓްރަމްޕްގެ ލޯޔަރުން ދަނީ ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށަހަޅާނެކަމަށް ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.